ވިޔަފާރި

ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ލޯނަށް އެދުނު 360 ވިޔަފާރިއަކަށް ލޯނު ދީފި


ކޯވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ކޯވިޑް19 ރިކަވަރީ ލޯނު ސްކީމްގެ ދަށުން މިހާތަނަށް 360 ފަރާތަކަށް ލޯނު ދޭން ނިންމާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބީއެމްއެލްގެ ކޯވިޑް19 ރިކަވަރީ ލޯން ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލާ 542 ވިޔަފާރިއަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 360 ވިޔަފާރިއަކަށް ލޯނު ދޭން ނިންމާފައިވާއިރު، 322 ފަރާތަކަށް މިހާތަނަށް ވަނީ ލޯނު ދޫކޮށްފައެވެ. އަދި ލޯނު ދޫކޮށްފައިވާ ފަރާތްތަކަށް ލޯނުގެ ގޮތުގައި 460.8 މިލިއަން ރުފިޔާ އާއި 6 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ 322 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، 44 ފަރާތަކަށް ލޯނު ދޫކުރުމާމެދު ގޮތެއް ނިންމަމުންދާކަމަށެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

މިސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.