ޚަބަރު

ދިވެހި ރައްޔިތުންގެ ހިތްތައްވަނީ ފަލަސްތީނާއެކު - މެމްބަރުން


އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަމަލުތަކާއި، އަނިޔާވެރިކަން އިންތިހާއަށް އޮތްއިރު، އެޤައުމާއެކު އެއްވެސް ގުޅުމެއް އެއްވެސް ހާލަތެއްގައި ނުބޭއްވުމަށް މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފިއެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެ ގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ، ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފް އަނިޔާތައް ކުށްވެރިކޮށް އެއަނިޔާތައް ހުއްޓާލުމަށް ގޮވާލާ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރެއްވި މެމްބަރުން ވިދާޅުވީ ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެން އުޅޭ އުޅުން ކުށްވެރިކޮށް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފް އެންމެހާ އަމަލުތައް ކުށްވެރިކޮށް އެއްވެސް ގުޅުމެއް އިސްރާއީލާއެކު ނުބޭއްވުމަށް ގޮވާލާފައެވެ.

ރާއްޖެއަކީވެސް ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވާއިރު، ރާއްޖެ އަބަދުވެސް ދެމި އޮތީ ފަލަސްތީނާއި އެކުގައިކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. ފަލަސްތީންގެ މުސްލިމު ރައްޔިތުންނަށް ކުރާ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށްވެސް ލިބޭ އަނިޔާއެއްކަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުން ފަލަސްތީނާއެކު އޮތްކަމީ ރައްޔިތުންނަށް އޮތް ނުހަނު ބޮޑު ހިންހަމަޖެހުމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ސައުދު ހުށަހެޅުއްވި މި ޤަރާރުގައި ބުނެފައިވަނީ، 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށްވެސް ޤަރާރުގައި ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާއިމެދު ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމަތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށްވެސް އެޤަރާރުގަިއ ބުނެފައި ވެއެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް އަމަލުތަކެއްކަމުން، އެޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއްކަމުގައިވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލުމާއި، ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިމައްސަލައާއި ދޭތެރޭ ދެކޭގޮތް ބައިނަލްއަޤްވާމީ މުޖުތަމައަށް ހާމަކުރުމަކީ މިޤަރާރު މަޖިލީހަށް ހުށަހެޅި އެންމެ މުހިންމު މަޤްސަދުކަމަށް ސައުދު ވިދާޅުވެއެވެ.

ދިވެހިރާއްޖެއާ ނާމްގެ އެހެން ގައުމުތަކުން ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވާ ވެރިވެގަތުމަށް ނިމުމެއް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.