ފުޓުބޯޅަ

ޤައުމެއް ވަރލްޑްކަޕަށް ކޮލިފައި ކޮށްދީފައިވާ ކޯޗެއް ރާއްޖެއަށް


ވަރލްޑްކަޕަށް ޓީމެއް ކޮލިފައިކޮށްދީފައިވާ ކޯޗެއް ރާއްޖޭގެ
ޤައުމީ ޓީމަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް
އެފްއޭއެމްއިން ބުނެފި. އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުހައްމަދު
ޝަވީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ގެނައުމަށް
ހަމަޖައްސާފައިވަނީ ޤައުމެއް ވަރލްޑްކަޕަށް ކޮލިފައިކޮށްދީފައިވާ ފަރާތެއް ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ޝަވީދު ހާމަކުރައްވާފައެއް ނުވެއެވެ. އެފްއޭއެމްއިން މީގެ
ކުރިން ބުނެފައިވަނީ ޤައުމީ ޓީމަށް އާ ކޯޗަކު ގެންނާނީ ކުރު މުއްދަތަކަށް ކަމަށެވެ. ނަމަވެސް
އާ ކޯޗް އައި ނަމަވެސް ކުރިއަށް އޮތް ޗައިނާ މެޗްގައި އިރުޝާދު ދޭނީ ވަގުތީ ކޯޗް
އިސްމާއިލް މަހުފޫޒު ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. ޤައުމީ ފުޓްބޯޅަ ޓީމްގެ
ކޯޗްގެ މަޤާމު ހުސްވެފައިވަނީ ވެލިޒާ ޕޮޕޯވް މިމަހު އިސްތިޢުފާ ދިނުމާ ގުޅިގެންނެވެ.