ޚަބަރު

ހަކަތަ އާއި ގުޅޭ ދާއިރާއިން މީހުން ބިނާކުރުމަށް ސްޓެލްކޯއިން ތަމްރީން ޕްރޮގްރާމެއް ފަށައިފި


ހަކަތައާއި ގުޅޭ ދާއިރާއިން މީހުން ބިނާކުރުމަށް ސްޓެލްކޯއިން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 9 ޒުވާނުންނަށް ވަނީ ދީފައެވެ. ސްޓެލްކޯއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މުޖުތަމައަށް ފައިދާ ހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވަޒީފާގެ މާހައުލަށް ނެރުމަށްޓަކައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

އިންޖިނިއަރިންގ އާއި ބިޒްނަސްގެ ބައިތައް ހިމަނައިގެން ކުރިއަށްގެންދާ ޕްރޮގްރާމަކީ 5 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ހަކަތައިގެ ދާއިރާގެ މަސައްކަތަކުގެ ޢަމަލީ ތަޖުރިބާއާއި އަދި މި ދާއިރާއަށް ޝަޢުގު ހުންނަ ޒުވާނުން ބިނާކޮށް ދާއިރާ އިތުރަށް ކުރިއެރުވުމަށް ބާރަކަށްވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ތަމްރީން ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވަނީ ޕްރޮގްރާމްގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ. މުޣުނީ ވަނީ މި ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ، ސްޓެލްކޯގައި މަސައްކަތްކުރާ ދާއިރާގެ ތަޖުރިބާހުރި ފަރާތްތަކުގެ ކައިރިން އުނގެނުމަށް ނަސޭހަތްތެރިވެފައެވެ.

"މިއަދު މި ފުރުސަތު ލިބުނު ޒުވާނުން ވިސްނަންވީ ކަމަކީ ތައުލީމުން އެކަނި ދިރިއުޅުމުގެ ކާމިޔާބީއެއް ހާސިލްނުވާނެކަން. އެކަމަށް ބޭނުންވާ ތަޖުރިބާ މިތަނުގެ ވެރިންގެ ކިބައިން ތިޔަ ޒުވާނުންނަށް ލިބުމުގެ ފުރުސަތު މިއަދު މި ހުޅުވިގެންދިޔައީ." މުޣުނީ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ. އަދި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތު ހަމަޖައްސާނެކަމަށް އެ ކުންފުނިން ބުނެއެވެ.