ފުޓުބޯޅަ

ޗައިނާ މެޗްގައި ތަފާތު ކުޅުމެއް ފެންނާނެ - އިންމަ


ވޯލްޑްކަޕް ކޮލިފައިންގައި
ޗައިނާއާ ރާއްޖެ ބައްދަލުކުރާ މެޗްގައި ރާއްޖޭގެ ޓީމްގެ ފަރާތުން ތަފާތު ކުޅުމެއް
ފެންނާނެ ކަމަށް ގައުމީ ޓީމްގެ ކޯޗް އިސްމާޢީލް މަހުފޫޒް ބުނެފިއެވެ. 

ކުރިއަށްއޮތް
ވޯލްޑްކަޕް ކޮލިފައިންގައި މިއަންނަ މަހުގެ އަށްވަނަ ދުވަހު ޗައިނާއާ ވާދަކުރާ
މެޗަށް ތައްޔާރުވުމުގެ ގޮތުން ޕިލިޕީންސްއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ
ވާހަކަދައްކަމުން ވަގުތީ ކޯޗް މަހުފޫޒްބުނީ ކޮންމެ ކަމަކަށްވެސް ވަގުތު
ބޭނުންވާނެކަމަށާ ހާއްސަކޮށް ޗައިނާ ފަދަ ޓީމަކާ ދެކޮޅަށް ކުޅެން ނިކުންނައިރު
ޓެކްޓިކަލީ ގޮތުން ކުޅުންތެރިން ތައްޔާރުކުރަން ޖެހޭކަމަށެވެ.

ޕިލިޕީންސްއަށް މިކުރާ
ކޭމްޕްގައި ފިޒިކަލީ ގޮތުން ކުޅުންތެރިން ތަމްރީން ކުރުމުގެ ބަދަލްގައި އެންމެ ބޮޑަށް
އިސްކަންދޭނީ ޓެކްޓިކަލީ ގޮތުން ކުޅުންތެރިން ތަމްރީން ކުރުމަށްކަމަށްވެސް
މަހުފޫޒްބުނިއެވެ. ހާއްސަކޮށް މިއަންނަ މަހުގެ 3ވަނަ ދުވަހު ޕިލިޕީންސްގެ ގައުމީ
ޓީމްއާ ދެކޮޅަށް ކުޅޭ މެޗްއަކީ މިވަގުތު ގައުމީ ޓީމަށް ވަރަށް މުހިންމު މެޗެއް
ކަމަށް މަހުފޫޒު ބުންޏެވެ.

ފިލިޕީންސްގައި ޤައުމީ ޓީމް ދެމެޗް ކުޅުމަށް ވަނީ
ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި މިމަހުގެ ނަވާވީސް ވަނަ ދުވަހު ވާދަކުރާނީ
ފިލިޕީންސްގެ ކްލަބަކާއެވެ. ދެވަނަ މެޗްގައި އަންނަ މަހު ތިނެއްގައި ނިކުންނާނި
ފިޕީންސް ޤައުމީ ޓީމާ ދެކޮޅަށެވެ. މިކޭމްޕަށް ފުރުމުގެ ކުރިން ގައުމީ ޓީމަށް މަދު
ޕްރެކްޓިސް އެއް ކުރެވިފައިވުމުން، ޕިލިޕީންސްގައި މިހޭދަކުރާ
ދުވަސްވަރުވެގެންދާނީ ޓީމް އެކުލަވާލާ ޓީމްގެ މޯޓިވޭޝަންވެސް އިތުރުކުރުމަށް
ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ގައުމީ ޓީމްގެ ވަގުތީ ކޯޗް އިސްމާޢީލް
މަހުފޫޒް ބުނިއެވެ.



"އަޅުގަނޑުމެންގެ
އެންމެ ބޮޑު އަމާޒްއަކީ ޓެކްޓިކަލީ ގޮތުން ޗައިނާ މެޗަށް ތައްޔާރުވުން. އޭގެ
މާނައަކީ މި 6މަސް ދުވަހު ގައުމީ ޓީމް މީގެ ކުރިން ނުކުޅޭ ގޮތަކަށްވެސް ޗައިނާ
މެޗްގައި ކުޅެންޖެހިދާނެ، އިތުރު ގޮތަކަށް ކުޅުންތެރިން ލައްވާ ކުޅުވަން ބޭނުންވާ
ކަމުގައިވާނަމަ، ކުޅުންތެރިންނަށްވެސް ވަގުތު ބޭނުންވާނެ، ޓެކްޓިކަލް ކުލާސްތަކެއް
ނަގަން. ޕިޒިކަލްއަށް ވުރެއް ބޮޑަށް އިސްކަންދޭނީ ޓެކްޓިކްސްއަށް އަދި
ކުޅުންތެރިންގެ ވިސްނުން ވީހާވެސް ބޮޑަކަށް ގޭމަށް ވެއްދުމަށް
ސަމާލްކަންދެވޭނެ." އިސްމާއިލް މަހުފޫޒު ބުންޏެވެ.



މަހުފޫޒްބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިނުވެވުނު،
ޓީމުގެ ކެޕްޓަން އަލީ އަޝްފާގާ ވައިސް ކެޕްޓަން މުހައްމަދު އާރިފް ޓީމާ ގުޅޭކަމީ
ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.