ޚަބަރު

ޤަވާއިދާ ޚިލާފަށް އެތެރެކުރާ އުޅަނދުތައް ރެޖިސްޓްރީ ނުކޮށްދިނުމަށް މަޝްވަރާކޮށްފި


ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެކުރާ ވެހިކަލްތައް ރެޖިސްޓްރީކޮށް ނުދިނުމަށް ނިންމުމާއި ގުޅޭގޮތުނަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަސްޓަމްސްއިން މަޝްވަރާކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރިއަށްގެން ދިޔަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެ މުއައްސަސާގެ މެދުގައި ކުރިއަށްގެންދިޔަ ބައްދަލުވުމަކީ ގަވައިދާ ޚިލާފައި ރާއްޖެ އެތެރެކުރާ ވެހިކަލްތައް އެތެރެކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ވަނީ އޮޅުވާލައިގެން ވެހިކަލު އެތެރެކުރާ ގޮތްތަކާއި، އެކަމަށް ހުރި ދޮރުތަށް ބަންދުކުރުމާއި، އަދި މިފަދަ ޢަމަލުތައް ދެނެގަނެ ހުއްޓުވާނެ ގޮތްތަކާއި ގުޅޭގޮތުން ކަސްޓަމްސް އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދެމެދު މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުމުގައި ވަނީ އޮޅުވާލައިގެންނާއި، ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރާ އުޅަނދުތައް ޓްރާންސްޕޯޓް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްދިނުން ހުއްޓާލުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މިގޮތަށް އޮޅުވާލައިގެން އުޅަނދު އެތެރެ ކުރަނީ އުޅަނދު ގެންނައިރު ދައްކަންޖެހޭ ފީތަކާއި، އަދި އިމްޕޯޓް ޑިއުޓީ ނުދައްކައި އުޅަނދު އެތެރެކުރުމަށެވެ.

މިގޮތަށް އޮޅުވާލައިގެން އުޅަނދުތަށް އެތެރެކުރާއިރު އެހެން ބާވަތްތަކުގެ މުދަލުގެ ނަމުގައި ކޮންޓެއިނަރު ގެނެސް، އޮޅުވާލައިގެން ކްލިއަރ ކޮށްފައިވާކަން ހާމަވެފައިވާކަން ކަސްޓަމްސްއިން މީގެކުރިން ވިދާޅުވެފައިވެއެވެ.

މިގޮތަށް ގަވައިދާ ޚިލާފައި އެތެރެކުރާ އުޅަނދުފަހަރު ކަސްޓަމްސްއިން އެތައް ފަހަރަކު އަތުލައިގެންފައިވެއެވެ.

މިގޮތަށް ގެންނަ އުޅަނދު ރެޖިސްޓްރީ ކުރުމުގައިވެސް އޮޅުވާލައިގެން ޢަމަލުތައް ހިންގައެވެ.
މިނިސްޓްރީން ވިދާޅުވީ މި ފަށާ މަސައްކަތަކީ މިގޮތަށް ގަވައިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އެއްގަމު ދަތުރުފަތުރާއި ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އޮޅުވާލައިގެން އެއް ގަރާޖުގައި ގިނަ ވެހިކަލް ރެޖިސްޓްރީކުރުމުގެ މައްސަލަ އާއި، މަގުމަތީ ދޫކޮށްލާފައި ހުންނަ ވެހިކަލް ނަގައި މަގުތަށް ސާފުކުރުމާއި، ޕާކިންގ ޒޯންތައް ހެދުމާއި، އަދި މާލެއަށް ވެހިކަލްތައް އެތެރެކުރާ މިންވަރު ކޮންޓްރޯލް ކުރުމާއި ގުޅޭ މަޝްވަރާތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

މާލޭގައި ދުއްވުމަށް 70،000 އާއި ގާތްކުރާ އަދަދަކަށް އެއްގަމު އުޅަނދު ރެޖިސްޓަރކޮށްފައި ވެއެވެ. މިހާރުވެސް މަހެއްގެ މައްޗަށް 600 ސައިކަލު ރެޖިސްޓަރ ކުރެއެވެ.