ޚަބަރު

ފަތުޙު ގްރޫޕްގެ ވެރިޔާއަށް ކުރި ޚިޔާނާތުގެ ދައުވާ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި


ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ހައްޖަށް ނުގެން ގޮސްދިން މައްސަލާގައި ފަތުޙު ހައްޖު ގްރޫޕްގެ ވެރިޔާ މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ކްރިމިނަލްކޯޓުން އިއްވި ޙުކުމް ބާތިލުކޮށް އޭނާގެ މައްޗަށް ކުރި ޚިޔާނަތުގެ ދައުވާ އަލުން ދަށުކޯޓުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

2014 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ފަތުހު ޖަމާއަތުން ވަނީ 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ ނަގާފައެވެ. އެހެންނަމަވެސް އެ ގްރޫޕަށް ފައިސާދެއްކި އެއްވެސް މީހަކު ހައްޖަށް ގެންގޮސްދީފައެއްނުވެއެވެ. ފަތުހު ޖަމާއަތަށް ފައިސާ ދެއްކި އެންމެން ހައްޖަށް އޭރު ގެންގޮސްދީފައިވަނީ ސަރުކާރުގެ ޚަރަދުގަ އެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ އެނާއާއި ދެކޮޅަށް ޚިޔާނަތުގެ ކުށުގެ ދައުވާއާއި މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލަ ނިންމާ ދަށު ކޯޓުން އިއްވި ހުކުމްގައި ވަނީ މަކަރާ ޙީލަތް ހެދުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައެވެ. އަދި ޚިޔާނަތުގެ ދައުވާ ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.

މަކަރާ ޙީލަތް ހެދުމުގެ ޢުންސުރުތައް ފުރިހަމައެއް ނުވޭ

މި މައްސަލަ ދައުލަތުން އިސްތިއުނާފުކުރުމުން އެ މައްސަލާގައި ހައިކޯޓުން އިއްވި ހުކުމްގައިވެސް ވަނީ މި މައްސަލާގައި މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމި ނިންމުމަށް ތާއިދޫކޮށްފައެވެ. އެ ހުކުމްގައި ވަނީ ޤާނޫނުގައި ބުނާ މަކަރާ ޙީލަތް ހެދުމުގެ ޢުންސުރުތައް ސާބިތުކޮށްދެވިފައި ނެތްކަމަށެވެ.

ހައިކޯޓްގެ ހުކުމްގައި ވަނީ މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ އޭނާ ބައެއްގެ އަތުން ފައިސާ އަތުލައި އެފައިސާއިން ކުރަން ބުނި ކަންކަން ކޮށްނުދީ އެ ފައިސާ ބޭނުންކުރީ ކަމަށް ބުނެކަމަށެވެ. މިހެންކަމުން މުޞްޠަފާ މުޙައްމަދުދީދީ ކުރިކަމަށް އެބުނާ ޢަމަލު ދައުލަތުން ސިފަ ކޮށްދީފައިވާ ގޮތުން ޓެކުމުގެ ކުށާއި މަކަރާ ޙީލަތުގެ ކުށުގެ ތެރެއިން އެ ޢަމަލު ވަދެގެންދަނީ ޓެކުމުގެ ތެރެއަށެވެ. ދައުލަތުން ދައްކާފައިވާ ވާހަކަތަކުން މުޞްޠަފާ މުޙައްމަދުދީދީ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ ޢަމަލު ޤާނޫނުގައި ބަޔާންކޮށްފައިވާ ޓެކުމުގެ މާނައިން ބޭރުވެ މަކަރާ ޙީލަތުގެ މާނައިގެ ތެރެއަށް ވަންނަ ގޮތެއް ސާފުކޮށްދެވިފައެއް ނުވާކަމަށް ހައިކޯޓުގެ ނިންމުމުގައި ވއެވެ.

" ޤާނޫނުގައި ބުނަނީ، މަކަރާ ޙީލަތަކީ، ޓެކުމަކަށް ނުހިމެނޭ ގޮތުން އަނެކާއަށް ޙަޤީޤަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭ ގޮތަށް ކުރާކޮންމެކަމެއް ކަމުގައެވެ. މިހެންކަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 2015/C-Cr/630 ޤަޟިއްޔާގައި ދައުލަތުން މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ހުށަހެޅި މަކަރާ ޙީލަތް ހެދުމުގެ ދަޢުވާގައި
ބަޔާން ކުރާ ޢުންސުރުތައް ސާބިތުނުވާތީ މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އެ ސަބަބަށްޓަކައި ސާބިތު
ނުވާކަމަށް ނިންމި ނިންމުމުގައި ގޯހެއް ނެތެވެ. " ހައިކޯޓްގެ ހުކުމުގައިވެއެވެ.

ޚިޔާނަތުގެ ދައުވާ ބޭރުކޮށްލީ ރަނގަޅަކަށް ނޫން

މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް އުފުލި ޚިޔާނަތުގެ ކުށުގެ ދަޢުވާ ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓްގެ ނިންމުމުގައިވެއެވެ. މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ހުށަހެޅުނު ޚިޔާނަތުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ، ބާތިލުވެފައިވާ ތަޙްޤީޤެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކަށްވާތީއާއި އެފަދަ ދަޢުވާއެއްގެ މައްޗަށް ބިނާކޮށްފައި އޮތް ތަޙްޤީޤެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ކޯޓުން އިތުރަށް ކުރިއަށް ގެންދިއުން ސައްޙަވެގެން ނުވާނެތީކަމަށް ބުނެއެވެ.

ހައިކޯޓުން މައްސަލަ ނިންމާ އިއްވި ހުކުމްގައި ބުނެފައިވަނީ ޚިޔާނަތުގެ ކުށުގެ ދަޢުވާ މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ގޮތުން އެމައްސަލަ މައުޟޫއީ ގޮތުން ބެލިގެން ގޮސްފައިވާކަން އެނގޭކަށްނެތްކަމަށެވެ. އަދި މައްސަލައިގެ ތަޙްޤީޤަށް ވަކި ކަންތައްތަކެއް ނުބެލި އޮތްކަމަށް ކޯޓަށް ފެނުމަކީ މުޅި ތަޙްޤީޤު ބާތިލުވެ އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ހުށަހަޅާފައިވާ ދަޢުވާ ފޯމުވެސް ބާތިލުވާންޖެހޭ ސަބަބެއް ނޫންކަމަށްވެސް ހައިކޯޓްގެ ނިންމުމުގައިވެއެވެ. މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ކުރި ޚިޔާނަތުގެ ކުށުގެ ދަޢުވާ ބޭރުކޮށްލީ ޤާނޫނީ ގޮތުން ސައްޙަ ނޫން ގޮތެއްގެ މައްޗަށްކަމަށް ވާތީ އެ މައްސަލަ އަލުން ބެލުމަށްވެސް 3 ފަނޑިޔާރުންގެ ބެންޗުގެ އަގްލަބިއްޔަތުން ނިންމި ނިންމުމުގައިވެއެވެ.

އެއް ފަނޑިޔާރުގެ ރައުޔު ތަފާތު

ކޯޓްގެ މި ނިންމުމަށް އައިސްފައިވަނީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަޣުލަބިއްޔަތުންނެވެ. އެެހެންމަވެސް ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސައިން ޝަހީދު ރައުޔު ތަފާތެވެ.

ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައިވަނީ އެ މައްސަލަ ހައިކޯޓަށް ނުބެލޭނެކަމަށެެވެ. އެގޮތުން އެ މައްސަލާގެ އިސްތިއުނާފް މުއްދަތު ހަމަވުމުން މަގުބޫލު ސަބަބެއް އޮތް ކަމަށް ބަލައި، ޚާއްސަ ހުއްދައެއްގެ ދަށުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދިނުމުން ވެސް ދިގު މުއްދަތެއް އެ މައްސަލަ ހުށަހެޅުމަށް ދައުލަތުން ނަގާފައިވާކަން ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައިވެއެވެ.

ހައިކޯޓުން މި މައްސަލަ ހުށަހެޅުމުގެ ހުއްދަ 27 ފެބުރުއަރީ 2019 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިނުމަށްފަހު، 77 ދުވަސް ފާއިތުވުމަށްފަހު މައްސަލައިގެ އިސްތިއުނާފް ފޯމު ހައިކޯޓަށް ބަލައިގެންފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރއާ ޚިލާފަށް ކަމަށް ފެންނަކަމަށްވެސް ފަނޑިޔާރު ހުސައިން ޝަހީދުގެ ނިންމެވުމުގައިވެއެވެ.