ވިޔަފާރި

އެސްބީއައިގެ ޑިޖިޓަލް ބޭންކިންގ އެޕް ރާއްޖެއަށް ތަޢާރަފްކޮށްފި


ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

"ޔޯނޯ" އެޕްލިކޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބާރަތް މިޝްރާ ވިދާޅުވީ މި އެޕްލިކޭޝަނުން ކަސްޓަމަރުންނަށް މުހިންމު ބައިވަރު ހިދުމަތްތަކެއް ލިބޭނެކަމަށެވެ. މިގޮތުން އެކައުންޓް ބެލެންސް ބަލައިލުން، އެހެން އެކައުންޓްތަކަށް ފައިސާ ފޮނުވުން، އެހެން ގައުމުތަކަށް ފައިސާ ފޮނުވުން، އެހެން ބޭންކްތަކުގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިޝްރާ ވިދަޅުވީ ވަސީލަތްތައް ފަހިވާ މިންވަރަކުން އާ ހިދުމަތްތައް އަންނާނެ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ޕޭމަންޓް ގޭޓްވޭ ސިސްޓަމް ބޭނުންކުރަން ފެށުމުން ޔޯނޯއަށް އިތުރު ހިދުމަތްތައް އަންނާނެކަމަށް މިޝްރާ ވިދާޅުވިއެވެ.

އިންޑިއާގައި ކުރިން ވެސް ބޭނުންކުރަމުން އަންނަ ޔޯނޯ އެޕްލިކޭޝަން ރާއްޖޭގައި ލޯންޗުކުރީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެސްބީއައިއިން ބުނީ ޔޯނޯ ލޯންޗުކުރި ފަހުން ދުވާލަކު އެވަރޭޖްކޮށް 250 މީހުން އެ އެޕްލިކޭޝަން ޑައުންލޯޑު ކުރާކަމަށެވެ. އަދި މިހާރު އެޕްލިކޭޝަން ޑައުންލޯޑުކުރި މީހުންގެ ޖުމުލަ އަދަދު 3800 އަށް އަރާފައިވާކަމަށް އެސްބީއައިއިން ބުންޏެވެ.

މި އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ވެސް ޑައުންލޯޑު ކުރެވޭނެއެވެ. ކޯވިޑް19އާ ގުޅިގެން އެސްބީއައިގެ ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް އެ ބޭންކުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ