ޚަބަރު

ލީބިޔާގެ މައްސަލައިގައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތުގެ ވަރުގަދަ އިންޒާރެއް


އދން ޤާއިމުކޮށްފައިވާ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ޚިލާފަށް ލީބިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތުން ދީފިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮނާއި ޖަރުމަނުވިލާތުގެ ޗާންސެލަރު އެންގެލާ މާކެލްއާއި އިޓަލީވިލާތުގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންތެވަނީ ލީބިޔާގެ މައްސަލައިގައި އެހެން ޤައުމުތަކުގެ ބައިވެރިވުން ހުއްޓާލައި 2011ވަނަ އަހަރުގެ ތެރޭގައި އދން ޤާއިމުކޮށްފައިވާ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރުމަށް ގޮވާލައިފައެވެ.

ބެލްޖިއަމުގެ ވެރިރަށް ބުރަސަލްސްގައި ތިން ޤައުމުގެ އެންމެ އިސްވެރިން ބައްދަލުކުރެއްވުމަށްފަހު ފަރަންސޭސިވިލާތުގެ ރިޔާސީ އިދާރާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލީބިޔާގައި އުފެދިފައިވާ މައްސަލަތަކާމެދު ތިން ޤައުމުންވެސް ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި އެ ޤައުމުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ސަރަޙައްދީ ހަމަނުޖެހުން އިތުރުވާނެކަމަށް ބެލެވޭކަމަށެވެ. ލީބިޔާގެ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކަށް ވާގިވެރިވާ ބޭރުގެ ޤައުމުތަކުންވެސް ޙަމަލާ ބަދަލުކުރުން ވަގުތުން ވަގުތަށް ހުއްޓާލައި އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް އެ ބަޔާނުގައިވަނީ ގޮވާލައިފައެވެ.

އެ ބަޔާނުގައި ބުނީ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ޚިލާފަށް ލީބިޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާނަމަ އެފަދަ ޢަމަލުތައް ކުރާ ޤައުމުތަކާ ދެކޮޅަށް ކުރިއަށް އޮތްތަނުގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވިސްނަމުންދާކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާއި ސަލާމަތީ ސިޔާސަތުތަކާބެހޭ އިސް މަންދޫބުގެ ބަހަކަށް ތިން ޤައުމުންވެސް އިންތިޒާރުކުރަމުންދާކަމަށްވަނީ ބުނެފައެވެ.

އދން ބަލައިގަނެފައިވާ ލީބިޔާގެ ގޮވަމަންޓް އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ މުހިންމު ޤައުމަކީ ތުރުކީވިލާތެވެ. މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއަށެވެ. އެ ހަތަރު ޤައުމުންވެސް އދގެ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށްވަނީ ތުހުމަތުކުރެވިފައެވެ.