ޚަބަރު

މެލްބަނުގައި މާސްކު ބޭނުންކުރުން ލާޒިމުކޮށްފި


އޮސްޓްރޭލިޔާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސްޓޭޓުކަމުގައިވާ ވިކްޓޯރިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އެ ސްޓޭޓުގެ މެލްބަން ސިޓީގައި ދިރިއުޅޭ މީހުން މާސްކު ބޭނުންކުރަން ލާޒިމްކޮށްފިއެވެ. އޮސްޓްރޭލިޔާގައި މާސްކު ބޭނުންކުރުން ލާޒިމު ކުރި ފުރަތަމަ ސްޓޭޓަކީ ވިކްޓޯރިޔާއެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 11،800 މީހުންނަށް ކޯވިޑް-19 ޖެހި، 122 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ 363 މީހުންވަނީ ވިކްޓޯރިޔާއިން ފެނިފައެވެ. 5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިކްޓޯރިޔާގައި ޖުލައި މަހުގެ 9ވަނަ ދުވަހުވަނީ 6 ހަފުތާގެ ފުރަބަންދެއް އިޢުލާނުކޮށްފައެވެ. ފާއިތުވި ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ ޢަދަދު ވިކްޓޯރިޔާގައި އިތުރުވުމުން އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައްވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އޮސްޓްރޭލިޔާގެ ޞިއްޙަތާބެހޭ ވަޒީރު ގްރެގް ހަންޓަރ ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުމުގެ ސަބަބުން ގިނަ އުނދަގޫތަކެއް މެދުވެރިވާކަމަށާއި އެއީ ޤައުމަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ޙިޠާބެއްގައި ވިކްޓޯރިޔާގެ ޕުރިމިއަރ ޑެނިއަލް އެންޑްރޫސް ވިދާޅުވީ މާސްކު ނާޅައި މީހުންނަށް 140 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާނެކަމަށެވެ. ކޯވިޑް-19ން ރައްކާތެރިކޮށްދޭ ވެކްސިނެއް ލިބެން ނެތްކަން ފާހަގަކުރައްވާ އެންޑްރޫސް ވިދާޅުވީ މާސްކަކީ ބޭނުންކުރަން އުނދަގޫ އެއްޗެއް ނޫންކަމަށާއި އެއީ ޢާންމު ދިރިއުޅުމަށް ގެންނަންޖެހޭ ކުޑަކުޑަ ބަދަލެއްކަމަށެވެ. އަދި ދިގު މުއްދަތަކަށް މާސްކު ބޭނުންކުރަންޖެހިދާނެކަމުގެ އިޝާރާތެއްވެސް އޭނާވަނީ ދެއްވައިފައެވެ.

މި މަހުގެ ތެރޭގައި އޮސްޓްރޭލިއާގެ އެންމެ އާބާދީ ބޮޑު ނިއު ސައުތު ވޭލްސް ސްޓޭޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ ލުއިކޮށްފައެވެ. ނަމަވެސް އެ ސްޓޭޓުގައިވެސް ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުގެ ސަބަބުން ބައެއް ފިޔަވަޅުތައްވަނީ އަލުން ރުޖޫޢަކޮށްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ 18 މީހުންވަނީ ނިއު ސައުތު ވޭލްސުން ފެނިފައެވެ. އެއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެ ސްޓޭޓުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ޢަދަދެވެ.