ޚަބަރު

އެލްއެންއޭގެ ހަނގުރާމަވެރިން ސިރުތާ ދިމާއަށް ދަތުރުކުރަނީ


އދން ބަލައިގަނެފައިވާ ލީބިޔާގެ ގޮވަމަންޓް އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭގެ ބާރުގެ ދަށަށް އެ ޤައުމުގެ ސިރުތު ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން ޖީއެންއޭއިން ބުނީ އެ ލަޝްކަރަށް ނިސްބަތްވާ 200 އުޅަނދު ސިރުތާ ދިމާލަށް ދަތުރުކުރަމުންދާކަމަށެވެ.

ސިރުތަކީ ލީބިޔާގެ މައި ތެޔޮ މަރުކަޒުތަކަށް ދަތުރުކުރާ މަގުގައި އޮންނަ މުހިންމު ސިޓީއެކެވެ. އެ ސަރަޙައްދު އޮތީ ލީބިޔާގެ ސަރުކާރާ އިދިކޮޅު ޚަލީފާ ޙަފުތާރުގެ ލީބިއަން ނެޝަނަލް އާމީ، އެލްއެންއޭގެ ބާރުގެ ދަށުގައެވެ.

ޖީއެންއޭއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ މުހިންމު ޤައުމަކީ ތުރުކީވިލާތެވެ. މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ. ފާއިތުވި ދުވަސްތަކުގައި އެލްއެންއޭއާ ދެކޮޅަށް ޖީއެންއޭއިންވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ވެރިރަށް ތަރާބުލުސްވަނީ ގެނެސްފައެވެ.

ޖީއެންއޭއާއި ތުރުކީވިލާތުން ސިރުތަށް ޙަމަލާދީފިނަމަ އެލްއެންއޭއަށް ވާގިވެރިވާ މިޞްރުގެ އަސްކަރީ ފައުޖުތައް ލީބިޔާއަށް ފޮނުވާނެކަމުގެ އިންޒާރު އެ ޤައުމުންވަނީ ދީފައެވެ. އެމެރިކާއިންވަނީ ސޫރިޔާ މަގުން ހަނގުރާމަމަތީ މަތިންދާބޯޓު ލީބިޔާގެ ޖަފްރާއަށް ރަޝިޔާއިން ފޮނުވާފައިވާކަމަށްވެސް ބުނެފައެވެ. ނަމަވެސް ރަޝިޔާއިންނާއި އެލްއެންއޭއިން އެ ވާހަކަ ދޮގުކުރެއެވެ.