ޚަބަރު

ހަނގުރާމައާއި ބަލިމަޑުކަމުގެ ތެރޭގައި ސޫރިޔާގައި ޢާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފި


ސޫރިޔާގެ ޤާނޫނުހަދާ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ޢާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މިއީ 2011ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށި ފަހުން ބާއްވާ ތިންވަނަ ޢާންމު އިންތިޚާބެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޢާންމު އިންތިޚަބުވަނީ ކޯވިޑް-19ގެ ސަބަބުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. 2000އަށްވުރެ ގިނަ މީހުން ވާދަކުރާ އިންތިޚާބުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިންވެސް ވާދަކުރެއެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި 7،000އަށްވުރެ ގިނަ ވޯޓުލާ މަރުކަޒުވަނީ ޤާއިމުކޮށްފައެވެ. އެ ސަރަޙައްދުތަކުގެ 70 އިންސައްތައަކީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތަކެވެ.

އެންމެ ފަހުން ސޫރިޔާގައި ޢާންމު އިންތިޚާބެއް ބޭއްވީ 2016ވަނަ އަހަރުގެ ތެރޭގައެވެ. އެ އިންތިޚަބުގައި ޤާނޫނުހަދާ މަޖިލީހުގެ 250 ގޮނޑީގެ ތެރެއިން 200 ގޮނޑި ކާމިޔާބުކުރީ ބައްޝާރުގެ ބަޢާތު ޕާޓީންނެވެ. އަނެއް 50 ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓުންނެވެ. އިންތިޚާބުގައި ބައިވެރިވެފައިވާ ގިނަ މީހުންނަކީ ބައްޝާރުގެ ބަޢާތު ޕާޓީން ވާދަކުރާ ނުވަތަ އޭނާއަށް ވަފާތެރި މީހުންނަށްކަމަށްވުމުން އިންތިޚާބު އަނެއްކާވެސް ކާމިޔާބުކުރާނީ ބަޢާތު ޕާޓީންކަމަށް ބެލެވެއެވެ.

ސީޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި ސޫރިޔާގައި ޢާންމު އިންތިޚާބު ބާއްވަނީ ބައްޝާރަށް ވަފާތެރި މީހުންނަށް އިނާމެއް ދިނުމުގެ ގޮތުންނެވެ. އިންތިޚާބަށް ވެރިކަން ކުރާ ޕާޓީގެ ފަރާތުން ނެރޭ ކެންޑިޑޭޓުން ހޮވުމުގައި ބަލަނީ އެމީހުންގެ ފެންވަރަށް ނޫންކަމަށާއި އެމީހުންގެ ވަފާތެރިކަމުގެ މައްޗަށްކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

އައު ޤާނޫނުހަދާ މަޖިލީސް އިންތިޚާބުކުރުމަށްފަހު ސޫރިޔާގެ ޤާނޫނު އަސާސީ އަލުން އައުކޮށް ބޮޑުވަޒީރެއް ޢައްޔަނުކުރާނެކަމަށް ބެލެވެއެވެ. ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީވެސް ޤާނޫނުހަދާ މަޖިލީހުންކަމަށް ބެލެވެއެވެ.