ޚަބަރު

އިންސާނުން ބޭނުންކޮށްގެން އެއިމްސް ހޮސްޕިޓަލުން ވެކްސިނެއް ތަހުލީލުކުރަނީ


ކޯވިޑް-19ން ރައްކާތެރިވުމަށް އިންޑިޔާއިން ތައްޔާރުކުރާ ކޯވެކްސިންގެ ތަހުލީލުތައް އިންސާނުން ބޭނުންކޮށްގެން ފެށުމަށް ނިއު ދިއްލީގައި ހުންނަ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް، އެއިމްސުން ތައްޔާރުވެއްޖެއެވެ.

ކޯވެކްސިން ތައްޔާރުކުރުމަށް މަސައްކަތްކުރަނީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗު، އައިސީއެމްއާރުއާއި ނޭޝަނަލް އިންސްޓިޓިއުޓު އޮފް ވައިރޮލޮޖީ، އެންއައިވީއާ ގުޅިގެން ބަރަތު ބަޔޯޓެކުންނެވެ. އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރުމުގެ މަރުހަލާ ފެށުމުގެ ޙުއްދަ އިންޑިޔާގެ ޑްރަގް ކޮންޓްރޯލަރ ޖެނެރަލާއި ޞިއްޙަތާބެހޭ ވުޒާރާއިން ދިނީ ކޯވެކްސިންގެ ރައްކާތެރިކަމާއި ދިފާޢީ ބާރާގުޅޭ ތަހުލީލުތަކުގެ ނަތީޖާތައް ދިރާސާކުރުމަށް ފަހުގައެވެ.

އިންޑިޔާގައި ބޭސް އުފައްދާ އެންމެ ބޮޑު ކުންފުނިކަމަށްވާ ބަރަތު ބަޔޯޓެކުން ބުނީ ޖުލައި މަހުގެ 15ވަނަ ދުވަހުން ފެށިގެން އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި 375 މީހުންނާއެކު ތަހުލީލުތައް ފަށައިފައިވާކަމަށެވެ. ޕްލެސީބޯ ބޭނުންކޮށްގެން ކުރިއަށްގެންދާ ތަހުލީލުތަކުގައި ބައިވެރިވަނީ ޞިއްޙީ އެއްވެސް މައްސަލައެއް ނެތް އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނެވެ. އަދި އޭގެ ތެރެއިން އިތުރު ތަހުލީލުތަކަށް 100 މީހުން ހޮވާނެއެވެ. އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ތަހުލީލުތަކުގައި ބައިވެރިވާ މީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް 150 ދުވަހުގެ މުއްދަތަކަށް ސައިންސުވެރިން ބަލާނެއެވެ.

ކޯވެކްސިންގެ އިތުރުން ކޯވިޑް-19އަށް އިތުރު ވެކްސިންތަކެއް އިންޑިޔާގައި ދަނީ ތަހުލީލުކުރަމުންނެވެ.