ޚަބަރު

ކުވައިތުގެ އަމީރު ހަސްފަތާލުގައި އެނދުމަތިކޮށްފި


ކުވައިތުގެ އަމީރު ޝައިޚު ޞަބާޙު އަލްޢަޙުމަދު އަލްޖާބިރު އަލްޞަބާޙު ހަސްފަތާލިގައި އެނދުމަތިކޮށްފިއެވެ.

ކުވައިތުގެ ސަރުކާރުން ބުނީ އުމުރުން 91 އަހަރުގެ އަމީރުގެ ޙާލުކޮޅު ރަނގަޅުކަމަށާއި ހަސްފަތާލުގައި އޭނާ އެނދުމަތިކުރީ ޞިއްޙީ ތަހުލީލުތަކެއް ކުރުމަށްކަމަށެވެ. ޝައިޚު ޞަބާޙު ހަސްފަތާލުގައި އޮންނަވާ މުއްދަތުގައި އޭނާގެ ބައެއް ޒިންމާތަކާ ޙަވާލުވެވަޑައިގަންނަވާނީ ވަލީއަޙުދު ޝައިޚު ނަވާފު އަލްއަޙުމަދު އަލްޖާބިރު އަލްޞަބާޙެވެ. އޭނާއަށް ބައެއް ދުސްތޫރީ ޒިންމާތައް ޙަވާލުކުރުމަށް ޝާޚީ ޢަމުރެއްވަނީ ނެރެފައެވެ.

2006ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުވައިތުގެ ވެރިކަމާ ޙަވާލުވެވައިގެންނެވި އަމީރު ޝެއިޚް ޞަބާޙުގެ ހިތުގެ ހިނގުން ރަނގަޅުކުރުމަށް 2000ވަނަ އަހަރުން ފެށިގެން ޕޭސްމޭކަރެއް ބޭނުންކުރައްވައެވެ. އަދި 2007ވަނަ އަހަރު އެމެރިކާގައި ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަނެއްވެސް އޭނާވަނީ ކުރައްވާފައެވެ. އޭގެ ފަހުން ޞިއްޙީ މައްސަލައެއް ދިމާވުމުން 2019ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އޭނާވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ.

އަމީރު ޝައިޚު ޞަބާޙު ހަސްފަތާލުގައި އެނދުމަތިކުރެވިފައިވަނީ ކުވައިތުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. 4.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކުވައިތުގައި މިހާތަނަށް 58،000 މީހުންނަށް ބަލި ޖެހި 400 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އޭގެ ތެރެއިން 49،000 މީހުން ބަލިން ރަނގަޅުވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.