މޫސުން ގޯސްވެ އުދައަރާފާނެކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.
މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު45-50 މޭލަށް ވައިގަދަވާނޭކަމަށާއި، ވަޔާއި ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއްވައެވެ. އެހެންކަމުން އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އެންޑީއެމްއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ދުރާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށް ގެން ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި، ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް އަދި ބޭނުންނުކުރާނަމަ އިލެކްޓްރިކް ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން މިދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރެއްކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވެ، ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމްގެ ފުރިހަމަކަން ޔަޤީންކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިހާތަނަށް އައިރު އެއްވެސް ރަށަކަށް އުދައަރައިގެން ރިޕޯޓްކޮށްފައި ނުވާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއްވައެވެ.