ޚަބަރު

55 މޭލަށް ވައިގަދަވެ މޫސުން ގޯސް، ރައްކާތެރިވޭ


މޫސުން އިތުރަށް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެފިއެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެން ލ.އަތޮޅަށް ޔެލޯ އެލަރޓް ނެރެފައިވާއިރު، މުޅި ރާއްޖެއަށް ހެނދުނު 10:00 އިން ހަވީރު 15:00 އަށް ވައިޓް އެލަރޓްވެސް ވަނީ ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުއުތުރާއި އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.