ކުޅިވަރު

ޗެމްޕިއަން ސިޓީ ކަޓުވާލުމަށްފަހު އާސެނަލް ފައިނަލަށް


މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އާސަނަލް ކަށަވަރުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ މައްޗަށް އާސެނަލް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު އާސެނަލް ވަނީ މިހާތަނަށް 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިއީ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފައިނަލް ކުޅޭ 21 ވަނަ ފަހަރުވެސްމެއެވެ.

ރޭ ކުޅުނު މެޗުގައި އާސެނަލްގެ ދެ ގޯލު ވެސް ޖެހީ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަންއެވެ. ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 19 ވަނަ މިނިޓްގައެވެ. އަދި އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އޮބާމަޔަންއެވެ.

ސިޓީއިން މެޗުގެ ނަތީޖާ އަނބުރާލުމަށް ބުރަ މަސައްކަތެއްކުރިނަމަވެސް، ލަނޑެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ. އެގޮތުން ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ސިޓީއަށްވަނީ ލިބިގެންގޮސްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، ނިމިގެން މިދިޔައީ ފާހަގަކޮށްލެވޭ ހަފްތާއެއްކަމަށާއި، އާސެނަލްއަށް ޔޫރަޕްގެ ވަރުގަދަ ދެޓީމު މިހަފްތާގައި ބަލިކުރެވިފައިވާކަމަށެވެ. އަދި މިއީ ކޮންމެ ދުވަހުވާކަހަލަ ކަންތައްތަކެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

އެފްއޭ ކަޕްގެ ފައިނަލްގައި އާސެނަލްއާއި ދެކޮޅަށް ނުކުންނާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މިރޭ 10:00 ގައެވެ.