ވިޔަފާރި

ކޯ-ޝެއާޑު ކިޗަންގެ ޙިދުމަތް ހޯދަން މިހާތަނަށް 60 މީހުން ރަޖިސްޓްރީވެއްޖެ


ގޭގައި ތިބެގެން ކާބޯތަކެތި ހަދާ ފަރާތްތަކަށް އަމާޒްކޮށްގެން ގިނަ ބަޔަކަށް އެއްފަހަރާ ބޭނުންކުރެވޭ ބަދިގެ ނުވަތަ ކޯ-ޝެއާޑު ކިޗަންގެ ޙިދުމަތް ހޯދުމަށް މިހާތަނަށް 60 މީހުން ރަޖިސްޓްރީވެފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެއްފަހަރާ ގިނަބަޔަކަށް ބޭނުންކުރެވޭ ބަދިގެ ނުވަތަ ކޯ-ޝެއާޑު ކިޗަންގެ ޙިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަމަހުގެ ފަހުކޮޅުއެވެ. ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު އޮތީ ހުޅުވާލާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ ސީއޯއޯ ވިދާޅުވީ ކޯ-ޝެއާޑު ކިޗަންގެ ޖާގަހުރިވަރަކުން ވީހާވެސް ގިނަ ބަޔަކަށް އެތަން ބޭނުންކުރުމުގެ ފުރުސަތު ދޭނެކަމަށެވެ. ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ތަރައްޤީކުރާ ކޯ-ޝެއާޑު ކިޗަންގެ ތަރައްޤީކުރަމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މިހާރު ކުރިއަށްދަނީ މިތަނަށް ބޭނުންވާ ހުއްދަތައް ނެގުމާއި، އެތަނުގެ އެތެރޭގެ ފަރުމާކުރުންތައް ކުރިއަށް ގެންދިޔުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްކަމަށް ބީސީސީން ބުނެއެވެ.

ކޯ-ޝެއާޑު ކިޗަން ފެސިލިޓީ ކުރިއަށް އޮތް 3 މަސްދުވަސްތެރޭ އާއްމުން ބޭނުންކުރުމަށް ހުޅުވާލާނެކަމަށްވެސް ބީސީސީން ބުނެއެވެ. މިތަން ބޭނުން ކުރާ ފަރާތްތަކުގެ އަތުން ކުޑަ ފީއެއް ނަގާނެއެވެ. ބީސީސީން ބުނީ މި ފީއަކީ ތަން ހިންގުމަށް ދާނެ ޙަރަދުތަކަށް ނަގާ ފީއެއްކަމަށެވެ.

ކޯ-ޝެއާޑު ކިޗަން ފެސިލިޓީއެއްގެ ޙިދުމަތަކީ ރާއްޖެއަށް އަދި މުޅިން އާ ކޮންސެޕްޓެކެވެ. ރާއްޖޭގައި ގޭގައި ތިބެގެން ކާބޯތަކެތި ތައްޔާރުކޮށްގެން އާމްދަނީ ހޯދާ ފަރާތްތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ޒަމާނީ ޙިދުމަތްތައް ލިބޭ ބަދިގެއެއްގެ ސަބަބުން މަސައްކަތަށް ލުއިތަކެއް ލިބި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް ބީސީސީން ދެކެއެވެ.

މިއީ ޔޫ.އެން.ޑީ.ޕީގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން ހިންގުމަށް ހަމަޖެހިފައިވާ ފެސިލިޓީއެކެވެ.