ރާއްޖެއަކީ ވަޞީލަތްތައް މަދު ޤައުމަކަށް ވިޔަސް، ރާއްޖެއަކީ އުފެއްދުންތެރި އަދި އީޖާދީ ހުނަރުތަކުން ފުރިފައިވާ ބައެއް އުޅޭ ޤައުމެކެވެ. ހުނަރުތަކާއިި ފަންނުތައް ބޭނުންކޮށްގެން ކުރިއަރަމުން އަންނަ ޒުވާނުން ރާއްޖޭގައި މަދެއްނޫނެވެ. ކުޑަކުޑަ ހިޔާލެއް ބޮޑުވަމުންގޮސް، ބޮޑެތި ވިޔަފާރިވެރިން އުފެދިފައި އެބަހުއްޓެވެ.
ވިލުނޫގެ ނަމުގައި އިންސްޓަގްރާމުން ފެންނަ ކުޑަ ވިޔަފާރިއަކީވެސް ދިވެހި އަމިއްލަ ވިޔަފާރި ބްރޭންޑެކެވެ. ވިލުނޫއަކީ ގޭތެރޭގައި މީރުވަސް ދުއްވަން ބަހައްޓާ ރީޑް ޑިފިއުޒަރ އަދި ހަންގަނޑު އޮމާންކޮށް، ވަސް މީރުކޮށްލުމަށް ބޭނުންކުރާ ހޭންޑް ކްރީމް ތައްޔާރުކުރާ ދިވެހި ވިޔަފާރިއެކެވެ.
ވިލުނޫ އުފެދުނީ ދިވެހިރާއްޖެ ރަމްޒުކޮށްދޭ، އަދި ބޭރު މީހުން ރާއްޖެ މަތިން ހަނދާންވާފަދަ މީރުވަސްދުވާ އެއްޗެއް އުފެއްދުމުގެ ހިޔާލާއެކުއެވެ. ގަސްގަހުގެ އޮށާއި، ފަތް އަދި އެހެނިހެން ބައިތަކުގެ ސެންޓް ނަގައިގެން އެއްޗެއް އުފެއްދުމުގެ ހިޔާލަކީ މިކަމުގެ ފެށުމެވެ.
މިކަން ފެށީ ތިން މީހެކެވެ. ނަމަވެސް ތިން މީހުންގެ ތެރެއިން އެކަކު ވިލުނޫގެ ހުވަފެންތައް ހަގީގަތަކަށް ނުވަނީސް ވަޒީފާގެ ބިޒީކަމުން މިކަމާ ދުރައްދާންޖެހުނެވެ. މިހާހިސާބުން ބާކީތިބި ދެ ޕާޓްނަރުންގެ ތެރެއިން އީމާއު އަހުމަދު ސަލީމް (އިމްމި) ވިލުނޫ ވުޖޫދަށް ގެނައުމަށް މިފަދަ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ރަހްމަތްތެރިއެއްކަމަށްވާ އައިޝަތު ރަޝީދުގެ އެހީތެރިކަން ހޯދިއެވެ. އައިޝް އާއި އިމްމި ދެމީހުންނަކީވެސް ވަޒީފާގެ ބޭރުން މިފަދަކަމެއް ކުރަން ބޭނުންވެފައިތިބި ދެމީހުންނެވެ. އައިޝް، އިމްމި އަދި އިތުރު ޕާޓްނަރ އެކުގައި މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.
ވިޔަފާރީގެ ނަމަކަށް "ވިލުނޫ" ކިޔާއިރު މިއީ ރާއްޖޭގެ ނޫ ފަޅުތައް ރަމްޒުކޮށްދޭ ނަމެކެވެ. ނަމާއެކު ދިވެހިރާއްޖެ ރަމްޒުކޮށްދޭއިރު އެމީހުންގެ އުފެއްދުންތައް ތައްޔާރުކުރަނީވެސް ރާއްޖެއިން ފެންނަ ގަސްގަހާގެއްސާއި މާމެލާމެލީގެ ވަސްތައް ލިއްބައިދޭގޮތަށެވެ.
ވިލުނޫ ބްރޭންޑް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފެށުމަށް ގިނަ ދިރާސާތަކާއި ހޯދުންތައް ކުރިޔަށް ގެންދަންޖެހުނެވެ. ވިލުނޫގެ އުފެއްދުންތަކަށް ބޭނުންވާ ސެންޓު ތައްޔާރުކުރުމުގެ މަސައްކަތް ފެށިއެވެ. ވިލުނޫއިން ބުނީ އެމީހުންގެ ސެންޓު އުފައްދުމަށް ބޭނުންވާ ތަކެތި އެތެރެކުރަނީ ބޭރުން ކަމަށެވެ. ނަމަވެސް ސެންޓު ތައްޔާރުކުރަނީ ރާއްޖެގައިކަމަށެވެ. އަދި ޑިފިއުޒަރއަށް ބޭނުންވާ ތަކެތި ބޭރުން އެތެރެކޮށް، ޕެކްކުރަނީ ރާއްޖޭގައިކަމަށެވެ.
ވިލުނޫ ވުޖޫދަށް ގެނައުމަށް ފެށި މަސައްކަތުން ވިލުނޫގެ ފުރަތަމަ އުފެއްދުންކަމަށްވާ "ޓެންޖެރިން އަދި ގޯވާ ލީފް" ރީޑް ޑިފިއުޒަރ ބާޒާރަށް ނެރުނީ ޖެނުއަރީ މަހު 9 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އޮތެންޓިކް މޯލްޑިވްސް ފިހާރައިންނެވެ. މިއަށްފަހު ފެބްރުއަރީ މަހު އައިލެންޑް ބާޒާރު ފިހާރައިން ތަކެތި ވިއްކަން ފަށާފައިވާއިރު، މާރޗަ މަހު ޓޮޑީ ފިހާރައިން ވިލުނޫގެ އުފެއްދުންތައް ވިއްކަން ފެށިއެވެ. އަދި މޭމަހުގެ ފެށިގެން ވިލުނޫއިން އުފެއްދުންތައް އޮންލައިންކޮށްވެސް ވިއްކަން ފެށިއެވެ. ލޯންޗްކުރި ފަހުން އިތުރު އުފެއްދުންތަކެއްވެސް ވިލުނޫއިން ވަނީ ތަޢާރަފްކޮށްފައެވެ. އެއީ "ޖެސްމިން އެންޑް ސިނަމަން" ރީޑް ޑިފިއުޒާއެވެ.
ވިލުނޫގެ ޑިފިއުޒަރގެ އިތުރުން ހޭންޑް ކްރީމެއްވެސް މިހާރު ބާޒާރުގައި ވިއްކައެވެ. އެއީ "ޓެންޖެރިން އަދި ގޯވާ ލީފް" ހޭންޑް ކްރީމެވެ. ވިލުނޫއިން ބުނީ ހޭންޑް ކްރީމަކީ ޚާއްސަ ލެބޯޓަރީއެއްގައި ތައްޔާރުކުރަންޖެހޭ އެއްޗެއްކަމުން ހޭންޑް ކްރީމް އުފައްދަނީ ވިލުނޫގެ ސެންޓު ބޭނުންކޮށްގެން ބޭރުގެ ލެބޯރެޓަރީއެއްގައިކަމަށެވެ.
ވިލުނޫއިން ބުނީ ކޯވިޑް-19ގެ ސަބަބުން އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ ތަކެތި ބޭރުން ގެނައުމުގައި ދަތިތަކާ ކުރިމަތިވާކަމަށެވެ. ނަމަވެސް ދަތިތަކާ ކުރިމަތިވިޔަސް އަބަދުވެސް މަސައްކަތްކުރަނީ ވިޔަފާރިފުޅާކޮށް، އިތުރު އުފެއްދުންތައް ނެރުމަށްކަަމަށް ވިލުނޫއިން ބުނެއެވެ.
ވިލުނޫގެ އުފެއްދުންތައް މީހާރު ބާޒާރަށް ނެރެފައިވާއިރު، އުންމީދަކީ ދިވެހިވަންތައް ވަސްތަކަށް ހާއްސަ އިތުރު އުފެއްދުންތައް ތައާރަފްކުރުމެވެ. އަދި މިހާރު ބާޒާރުގައި ވިއްކާ ތަކެތީގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އުފެއްދުމަކީ "ރީޑް ޑިފިއުޒާ"ކަމަށް ވިލުނޫއިން ބުނެއެވެ. މިހުރިހާ ތަކެތިވެސް ވިލުނޫ ވެބްސައިޓާއި، މީސްމީޑިއާ ޕޭޖްތަކުގެ އިތުރުން އައިލެންޑް ބާޒާރު ފިހާރައާއި ޓޮޑީ ފިހާރައިން ލިބެން ހުރެއެވެ.