ޚަބަރު

ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް


ބ އަތޮޅުގައި ރިޒޯޓެއް ތަރައްޤީ ކުރަމުން ދިޔަ ބޮޑު ފިނޮޅުގައި، ހަމަނުޖެހުންތައް ހިންގައި ދިވެހިންތަކެއް ރަހީނުކުރުމާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިމަހުގެ 4 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 ބިދޭސީއެކެވެ. މި އެންމެންގެ ވެސް ބަންދުގެ މުއްދަތު ފުރަތަމަ ފަހަރަށް ޖަހާދީނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ފަހަރު ބަންދުގެ މުއްދަތުގެ ގޮތުގައި 15 ދުވަސްވަނީ އިތުރުކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ މި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ދެވަނަ ފަހަރަށް ހުށައެޅުމުން ކްރިމިނަލްކޯޓުން އިތުރު 15 ދުވަސް ޖަހާދީފައިވާކަމަށެވެ.

މުސާރަ ނުދީ ގިނަ ދުވަސްތަކެއްވުމުން ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް ބޮޑެތި ހަމަނުޖެހުން ހިންގާ އެރަށުގައި ހުތި ތަންތަނާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އެރަށަށް އަރަން ދިޔަ ފުލުހުންނާއި ހަމަލާދީ ދެ ފުލުހަކުވަނީ ވަނީ ޒަހަމްކޮށްލާފައެވެ.

ފުލުހުން ވަނީ މި ބިދޭސީންގެ މައްޗަށް ގިނަ ތުހުމަތުތަކެއް އުފުލާފައެވެ. އޭގެތެރޭގައި ބަޔަކު ރަހީނު ކުރުމާއި، މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމާއި، ވައްކަން ކުރުން ހިމެނެއެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން އެރަށުގައި މަސައްކަތް ކުރަން ގެންދިޔަ ބިދޭސީން އެރަށުން ބޭލުމަށް ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރުކޮށްފައެވެ. އެހެންނަމަވެސް އެ ނިންމުން ބަލައި ނުގަންނަކަމަށް ބުނެ ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން ގެންގުޅޭ ރިޒް ކުންފުނިން ވަނީ މައްސަލަ ބެއްލެވި ގާޒީ އާއި ދެކޮޅަށް އެ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށައަޅާފައެވެ.

ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.

ބޮޑު ފިނޮޅަކީ ސީލް މޯލްޑިވްސް އިން ތަރައްޤީކުރަމުން އަންނަ ރިސޯޓްކެވެ. އެރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑާއިއެވެ. މުސާރައިގެ މައްސަލާގައި މުސާރަ ނުދެވުނީ ފައިސާ ނެތިގެންކަމަށް ފުރަތަމަ ބުނި ނަމަވެސް އެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސައްކަތް ކުރާ މުވައްޒަފުންނަނަށް މުސާރަ ދިނުމަކީ ސީލް މޯލްޑިވްސްގެ ކުރަންޖެހޭ ކަމެއްކަމަށެވެ. މި ވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒް ކުންފުންޏަށް ފައިސާ ނުދޭކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށެވެ. އަދި އެއްބަސްވުމުގެ އިތުރަށްވެސް ފައިސާދީފައިވާކަމަށް ސީލް މޯލްޑިވްސް އިން ބުނެއެވެ.