ޚަބަރު

މީސްމީޑިޔާ ބޭނުންކުރުމަށް ހުރަސްއެޅޭ ޤަވައިދެއް ތުރުކީވިލާތުގައި ތަޢާރަފުކުރަނީ


ޢާންމުން މީސްމީޑިޔާ ބޭނުންކުރާގޮތް ބެލުމަށް ތުރުކީވިލާތުގެ ޤާނޫނުހަދާ މަޖިލީހުން ޚާއްޞަ ކޮމިޝަނެއް އެކުލަވާލުމަށް ތައްޔާރުވެއްޖެއެވެ.

ޑިޖިޓަލް މީޑިއަމްސް ކޮމިޝަން އުފައްދަން ނިންމާފައިވަނީ މީސްމީޑިޔާގައި ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ވެރިކަންކުރާ ޖަސްޓިސް އެންޑޔ ޑިވެލޮޕްމަންޓް ޕާޓީ، އޭކޭޕީން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެކަމުގެ މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ އަންހެން ދަރިކަނބަލުންނަށް އިޚުތިރާމު ކުޑަވާފަދަ ޚަބަރުތަކެއް މީސްމީޑިޔާގައިވަނީ ދަޢުރުވެފައެވެ. އެއާއެކު މީސްމީޑިޔާ ޕްލެޓުފޯމުތައް ބޭނުންކުރުން މަނާކުރުމަށް ނުވަތަ އެ ޕްލެޓުފޯމުތަކުގައި އޮންނަ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ހަނިވާފަދަ ގޮތަކަށް އައު ޤަވައިދުތަކެއް އެކުލަވަލާމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ރައީސް އުރުދުޣާން ދެކިވަޑައިގަންނަވާގޮތުގައި އެއްވެސް ހުރަހެއްނެތި މީސްމިޑިޔާގައި ޚިޔާލު ފައުޅުކުރުމުގެ ފުރުޞަތު ދިނުމަކީ ތުރުކީވިލާތާ ގުޅޭ ސިފައެއް ނޫނެވެ. އުރުދުޣާން އެގޮތަށް ވިދާޅުވެފައިވަނީ ޖޫން 26ވަނަ ދުވަހު ޔޫޓިއުބު މެދުވެރިކޮށް ބޭއްވި ލައިވް ޙަރަކާތެއްގައި ބައިވެރިވުމުގެ ދުވަސްކޮޅެއްކުރިންނެވެ. ޔޫޓިއުބު މެދުވެރިކޯށް ޒުވާނުންނަށް ޢަމާޒުކޮށް އޭނާ ތަޤުރީރެއް ދެއްވި ވަގުތު އެތައް ހާސް ޒުވާނުންނެއްވަނީ އެ ޙަރަކާތާމެދު ހިތްތަމަނުޖެހޭކަމަށް ބުނެ އުރުދުޣާނަށް ވޯޓުނުލާނެކަމަށް ކޮމެންޓުތަކުގައި ލިޔެފައެވެ.

އަލަށް އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ޤަވައިދުގެ ދަށުން ތުރުކީވިލާތުގައި މީސްމީޑިޔާގެ ޚިދުމަތްދޭ ފަރާތްތަކުން މަންދޫބެއް ޢައްޔަނުކުރަންޖެހޭނެއެވެ. އެ ޤަވައިދުގެ ދަށުން އެ ޕްލެޓުފޯމުތައް ބޭނުންކުރުން މަނާކުރުމުގެ ބާރާއި ޤަނޫނީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުންފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ސަރުކާރަށް ލިބޭނެއެވެ. ޖުލައި މަހުގެ 24ވަނަ ދުވަހު ޤާނޫނުހަދާ މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެ ޤަވާއިދު ފާސްކުރާނެކަމަށް ބެލެވެއެވެ.