ޚަބަރު

ލީބިޔާގެ މައްސަލައިގެ ތެރެއަށް މިޞްރުން ވަންނަނީ ޤާނޫނާ ޚިލާފަށް: ތުރުކީވިލާތް


ލީބިޔާގެ އިރުމަތީ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވާތީ މިޞްރާއި ޔޫއޭއީއަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އދން ބަލައިގަނެފައިވާ ލީބިޔާގެ ސަރުކާރުކަމަށްވާ ގޮވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ މުހިންމު ޤައުމަކީ ތުރުކީވިލާތެވެ. މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއަށެވެ. ފާއިތުވި ދުވަސްތަކުގައި އެލްއެންއޭއާ ދެކޮޅަށް ޖީއެންއޭއިންވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ވެރިރަށް ތަރާބުލުސްވަނީ ގެނެސްފައެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ލީބިޔާގެ މައްސަލައިގެ ތެރެއަށް މިޞްރުން ވަނުމަށް މިދިޔަ ހަފުތާގެ ތެރޭގައި ގޮވައިލައިފައެވެ. އަދި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީއާއެކު ބޭއްވި ބައްދަލުވުމެއްގައި ލީބިޔާގެ ޤަބީލާތަކުގެ އިސްވެރިންވަނީ ދާޚިލީ ހަނގުރާމައިގައި މިޞްރުން ޢަމަލީގޮތުން ބައިވެރިވުމަށް ބާރުއަޅައިފައެވެ. ސީސީވަނީ އެ ގޮވާލުންތަކަށް އިޖާބަދެއްވާނެކަމަށް ވިދާލުވެފައެވެ.

މިޞްރުގެ ނިންމުމާ ގުޅޭގޮތުން އުރުދުޣާން ވިދާޅުވީ ޙަލީފާ ޙަފްތާރަށް ވާގިވެރިވެ ލީބިޔާގެ މައްސަލައިގެ ތެރެއަށް މިޞްރުން ވަންނަން ނިންމީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށްކަމަށެވެ. އަދި ޔޫއޭއީން މަސައްކަތްކުރަނީ އަމިއްލަ ފައިދާއަށްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ރައީސްވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަ ލީބިޔާގެ ސަރުކާރު ދިފާޢުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.