ވިޔަފާރި

އިއްތިހާދު އެއަރވޭސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި

އިއްތިހާދު އެއަރވޭސްގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެެވެ.

ގިނަ ދުވަސްތަކަކަށްފަހު މިއަދު ރާއްޖެ އައި އިއްތިހާދު އެއަރވޭސްގެ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މެންދުރުފަހު 3:15 ހާއިރުއެވެ. މި ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ އަބޫދާބީން ފުރައިގެންނެވެ.

ކޯވިޑް-19އާ ގުޅިގެން އިއްތިހާދު އެއަރވޭސްގެ ދަތުރުތަކަށް ހުއްޓެމެއް އައި ނަމަވެސް މިހާރު ދަނީ އަލުން މަންޒިލްތަކަށް ދަތުރުތައް ފަށަމުންނެވެ. އެގޮތުން ޖުލައިމަހުގެ ތެރޭ އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާ 15 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަދި މި ދަތުރުތަކާއެކު އެއެއަރލައިނުން ދަތުރުތައް ފަށާފައިވާ މަންޒިލްތަކުގެ އަދަދު 40 އަށް އަރާނެއެވެ.

އަބޫދާބީގެ އެއަރލައިނެއް ކަމަށްވާ އިއްތިހާދު އެއަރވޭސްއިން ހާމަކުރާގޮތުގައި ދަތުރުތައް ކުރުމުގައި ފަސިންޖަރުންގެ ސަމާލަތާއި ރައްކާތެރިކަމަށް ޙާއްސަ ސަމާލުކަމެއްދޭނެއެވެ. އެގޮތުން ފްލައިޓު ތެރޭގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމަށްޓަކައި ބައެއް ގޮނޑިތައް ހުންނާނީ ހުސްކޮށެވެ.

އިއްތިހާދު އެއަރވޭސް ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލިއިރު، އެއަރލައިންނުން ދިޔައީ އަބޫދާބީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 2 ފްލައިޓް ބާއްވައެވެ.

އިއްތިހާދު އެއަރވޭސްގެ އިތުރުން އެމިރޭޓްސް އެއަރލައިން އަދި ޤަތަރު އެއަރވޭސްއިންވެސް ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލާފައިވާއިރު، ރާއްޖެއަށް ދަތުރުތައް ފެށުމަށް 11 އެއަރލައިނަކުން ވަނީ ޝެޑިއުލްކޮށްފައެވެ.