ޚަބަރު

ޠާލިބާން ޖަމާޢަތަށް ބޮޑެތި ބަދަލުތަކެއް


އަފްޣާނިސްތާނުގެ ސަރުކާރާއެކު މަޝްވަރާތަކުގައި ބައިވެރިވާ ޠާލިބާނު ޖަމާޢަތުގެ މަންދޫބުން ބަދަލުކޮށް، އެ ޖަމާޢަތުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އެ ބަދަލުތައް ގެނެސްފައިވަނީ އެ ޖަމާޢަތުގެ އިސްވެރިޔާ މުއްލާ ހައިބަތުﷲ އަޚުވަންޒާދާގެ ބެލުމުގެ ދަށުންނެވެ. އެއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ޖަމާޢަތުގެ ހިންގުމަށް ގެނަސްފައިވާ އެންމެ ފާހަގަކޮށްލެވޭ ބަދަލެވެ. އެ ބަދަލުތަކުގެ ދަށުން އެ ޖަމާޢަތުގެ އަސްކަރީ ގޮފީގެ އިސްވެރިއަކަށް ޢައްޔަނުކުރީ އެ ޖަމާޢަތުގެ ބާނީ މުއްލާ މުޙައްމަދު ޢުމަރުގެ ޒުވާން ފިރިހެން ދަރިފުޅު މުއްލާ މުޙައްމަދު ޔަޢުޤޫބެވެ. އޭނާގެ ބައްޕައާ އެއްގޮތް އުކުޅުތަކާއި ސިފަތަކެއް 30 އަހަރުގެ ޔަޢުޤޫބުގެ ފަރާތުން ހަނގުރާމައިގެ މައިދާނަށް ގެނެސްދޭނެކަމަށް ބެލެވެއެވެ.

އޭގެ އިތުރުން ޠާލިބާނުގެ އިސްވެރިންގެ މަޖިލީހުގައި ހިމެނޭ ހަތަރު މެންބަރެއްވަނީ 20 މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ މަޝްވަރާ މަޖިލީހުގައި ހިމަނައިފައެވެ. އެ ބަދަލުތަކުގެ ބޭނުމަކީ އެ ޖަމާޢަތުގެ އަސްކަރީ އަދި ސިޔާސީ ގުނަވަންތަކަށް މުއްލާ ހައިބަތުﷲ އަޚުވަންޒާދާގެ ބާރު ފޯރުވާ މިންވަރު އިތުރުކުރުމަށްކަމަށް ބެލެވެއެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ބަދަލުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ސަރުކާރާއެކު ކުރާ މަޝްވަރާތައް ކާމިޔާބުވާނެކަމުގެ އުންމީދު ބޮޑުވެފައިވާކަމަށެވެ. އެ ބަދަލުތަކުން ދައްކުވައިދެނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާއާއެކު ޠާލިބާނުން ސޮއިކުރި ޞުލްޙައިގެ އެއްބަސްވުމަށް އެ ޖަމާޢަތުން އަޙައްމިއްޔަތުކަންދޭ މިންވަރުކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަދި މަޝްވަރާތަކުގައި މީގެ ކުރިން ބައިވެރިނުވާ އިސްވެރިން ބައިވެރިކުރުމަށް ނިންމުމުންވެސް އެކަން ދޭހަކޮށްދޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދޮޅު އަހަރު ދުވަހުގެ މަޝްވަރާތަކަށްފަހު ޞުލްޙައިގެ އެއްބަސްވުމެއްގައި ޠާލިބާނުންނާއި އެމެރިކާ ސޮއިކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމަކީ ފާއިތުވި 40 އަހަރު ދުވަހު އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނެސް ޞުލްޙަ ޤާއިމްކޮށް އެ ޤައުމުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށް ލިބޭ އެންމެ ރަނގަޅު ފުރުޞަތުކަމަށްވަނީ ބެލެވިފައެވެ.

ޤަޠަރުގެ ދޯހާގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނާއި ގުޅިފައިވާ އަސްކަރީ އިއްތިޙާދުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެއްބަސްވުމުގައިވާގޮތުން އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ގުޅިފައިވާ އަސްކަރީ ފައުޖުތައް ވަކި މުއްދަތެއްގެ ތެރޭގައި އެ ޤައުމުން ފައިބާނެއެވެ. އަދި އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކަށް ބިރުދެއްކުމަށް އަފްޣާނިސްތާނު ބޭނުން ނުކުރުމަށް ހަނގުރާމަވެރި ޖަމާޢަތްތަކުންވަނީ އެއްބަސްވެފައެވެ.

ޖުލައި މަހުގެ 13ވަނަ ދުވަހު އަފްޣާނިސްތާނާއެކު މަޝްވަރާކުރުމުގައި އެމެރިކާގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ޒަލްމޭ ޚަލީލުޒާދު ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު 12،000ން 8،600އަށް މަދުކޮށްފައިވާކަމަށާއި އެއީ ޠާލިބާނުންނާއެކު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ފަސް އަސްކަރީ މަރުކަޒެއް ބަންދުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.