ޚަބަރު

100 ގަޑިއިރުގެ ތެރޭގައި އެއް މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިއްޖެ


ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު 14 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ. ފާއިތުވި 100 ގަޑިއިރުގެ ތެރޭގައި އެއް މިލިއަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ އެއް މިލިއަން މީހުންނަށް ބަލިޖެހެން މިހާތަނަށް ނެގި އެންމެ ކުރު މުއްދަތެވެ.

ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނުނީ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއިންނެވެ. އޭގެ ފަހުން ބަލި ޖެހިފައިވާ މީހުންގެ ޖުލްމަ ޢަދަދު އެއް މިލިއަނަށް އިތުރުވާން ނެގީ ތިން މަސް ދުވަހެވެ. ޖުލައި މަހުގެ 13ވަނަ ދުވަހު ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ 13 މިލިއަނަށް އިތުރުވެފައެވެ. އެ ޢަދަދު 14 މިލިއަނަށް އިތުރުވާން ނެގީ އެންމެ ހަތަރު ދުވަހެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ހަލުވިކޮށް ބަލިފެތުރެނީ އެމެރިކާ ސަރަޙައްދުގެ ޤައުމުތަކުގައެވެ. ބަލިޖެހިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނާއި މަރުވި މީހުންގެ ދެބައިކުޅަ އެއްބައި މީހުން ޙިއްޞާކުރަނީ އެ ސަރަޙައްދުގެ ޤައުމުތަކުންނެވެ.

އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެނީ އެމެރިކާގައެވެ. އެ ޤައުމުގައި 3.6 މިލިއަން މީހުންނަށްވަނީ ބަލި ޖެހިފައެވެ. ބަލި ޖެހޭ މީހުންގެ ޢަދަދު އެ ޤައުމުގައި އަދިވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ޖުލައި މަހުގެ 16ވަނަ ދުވަހު 77،000 މީހުންނަށްވަނީ އެމެރިކާގައި ބަލި ޖެހިފައިވެއެވެ. އެއީ ސްވިޑަންފަދަ ޤައުމުތަކުގައި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދާ އެއްވަރު ޢަދަދެކެވެ. އަދި އެއީ އެއް ދުވަހުގެ ތެރޭގައި އެއް ޤައުމަކުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނުކަމަށް ފާހަގަކުރެވިފައިވާ ޢަދަދެވެ.

ބަލި ޖެހޭ މީހުންގެ ޢަދަދު އެމެރިކާގައި އިތުރުވިނަމަވެސް މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު އެ ޤައުމުގައި ދިރިއުޅޭ މީހުންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. އެ ޤައުމުގެ ރައީސް ޑޮނަލްޑު ޓްރަންޕާއި އޭނާއަށް ތާޢީދުކުރާ މީހުންވަނީ މާސްކު ބޭނުންކުރުމާ ގުޅޭގޮތުން ފާޑުކިޔާފައެވެ. އަދި ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި މަދަރުސާތައް އަލުން ހުޅުވުމަށް ދަނީ ބާރު އަޅަމުންނެވެ.

ބުރެޒިލުގައި 2 މިލިއަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ރައީސް ޖައިޚް ބޮލްސޮނާރޯވެސް ހިމެނިވަޑައިގަންނަވައެވެ. ކޯވިޑް-19ގެ ސަބަބުން ބުރެޒިލުގައި މަރުވި މީހުންގެ ޢަދަދުވަނީ 76،000އަށްވުރެ އިތުރުވެފައެވެ. އެއް މިލިއަނަކަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ އަނެއް ޤައުމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާއެވެ. އެ ޤައުމުގައި ދުވާލަކު 30،000 މީހުންނަށް ބަލިޖެހެއެވެ. އެމެރިކާއާއި ބުރެޒިލާއި އިންޑިޔާގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި 237،743 މީހުންނަށް ބަލިޖެހެއެވެ.

ބަލީގެ އަސަރު އެންމެ ބޮޑަށްކުރި ބައެއް ޤައުމުތަކުގެ ޙާލަތުވަނީ ރަނގަޅުވެފައެވެ. އެގޮތުން ބަލި ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވަނީ އެ ޤައުމުތަކުގައި ލުއިދޭން ފަށައިފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ސްޕެއިންގެ ބާސެލޯނާ އަދި އޮސްޓްރޭލިޔާގެ މެލްބަންފަދަ ސިޓީތަކުގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަކޮށްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ އަހަރެއްގެ މައްޗަށް އިންފުލުއެންޒާ ޖެހޭ މީހުންގެ ޢަދަދަށްވުރެ ތިންގުނަ އިތުރުވެފައެވެ. ބަލި ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވީ ޖެނުއަރީ މަހުގެ 10ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީގައެވެ. އޭގެ ފަހުން ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން 590،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ނަމަވެސް އެދެވޭ މިންވަރަކަށް ބައެއް ސަރަޙައްދުތަކުގައި ތަހުލީލުކުރުން ކުރިއަށް ނުގެންދެވޭތީ ކޯވިޑް-19 ޖެހިފައިވާ މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދުތައް ރަސްމީ ޢަދަދުތަކަށްވުރެ ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ.