ޚަބަރު

ކެޕްޓަން ޓޮމްއަށް ނައިޓުހޫޑުގެ ޝަރަފު އަރުވައިފި


އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސަސް، އެންއެޗުއެސަށް ހަދިޔާކުރުމަށް 40 މިލިއަން އެމެރިކާ ޑޮލަރު އެއްކުރި އުމުރުން 100 އަހަރުގެ ކެޕްޓަން ޓޮމް މޯރއަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ނައިޓުހޫޑުގެ ޝަރަފު އަރުވައިފިއެވެ.

1920ވަނަ އަހަރު އުފަންވި ކެޕްޓަން ޓޮމްއަށް 100 އަހަރު ފުރުމުގެ ކުރިން އެންއެޗުއެސަށް 1،000 ޕައުންޑު ހަދިޔާކުރުމަށް އެއްކުރުމަށް އޭޕްރިލު މަހުގެ ތެރޭގައި މަސައްކަތް ފެށިއެވެ. ހިނގަން ބޭނުންކުރާ ކޮއްޓެއް ބޭނުންކޮށްގެން އޭނާގެ 50 މީޓަރުގެ ބަގީޗާގެ ދެކޮޅަށް 100 ބުރު ޖެހުމަށް އޭނާ ނިންމިއެވެ. ކޯވިޑް-19ގެ ސަބަބުން ޢާންމުންގެ ހިތުގައި ބިރުވެރިކަން އުފެދި މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ކެޕްޓަން ޓޮމް ކުރި މަސައްކަތަށް ޢާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. ޢާންމުންގެ ތާޢީދާއެކު ކެޕްޓަން ޓޮމު އެއްކުރުމަށް ޢަމާޒުކުރި 1،000 ޕައުންޑު ދެ ހަފުތާގެ ތެރޭގައި އެއްކޮށް، އެ ޢަދަދު ފަހަނައަޅައި އެތައް މިލިއަން ޕައުންޑެއްވަނީ އޭނާއަށް ސަތޭކަ އަހަރު ފުރުނު އޭޕްރިލް 30ވަނަ ދުވަހުގެ ކުރިން އެއްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމަށް ހިތާމައާއި މޮޅިވެރިކަން ކުރިމަރިވެފައިވާ ވަގުތެއްގައި ކެޕްޓަން ޓޮމްގެ މަސައްކަތުން ޤައުމަށް އުފާވެރިކަން ގެނެސްދީ އެހާ ގިނަ ޢަދަދެއްގެ ފައިސާ އެއްކުރުމަށް އޭނާ ކުރި މަސައްކަތް ފާހަގަކޮށް ރާނީ އެލިޒަބެތުވަނީ އޭނާއަށް ތަޢުރީފުކުރައްވާފައެވެ. އަދި ވިންޑްސޯ ކާސަލްގައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައި ނައިޓުހޫޑުގެ ޝަރަފު ކެޕްޓަން ޓޮމްއަށްވަނީ އަރުވާފައެވެ..

ކެޕްޓަން ޓޮމްއަށް ނައިޓުކަމުގެ ޝަރަފު އެރުވުމުގެ ކުރިން މީސްމީޑިޔާގައި ޝާއިޢުކުރި މެސެޖެއްގައި އޭނާ ބުނީ އޭނާއަށް ބޮޑު ޝަރަފެއް ލިބިދާނެކަމަށް ދުވަހަކުވެސް އުންމީދުނުކުރާކަމަށެވެ. ނައިޓުހޫޑުގެ ޝަރަފާއެކު އޭނާގެ ނަމުގެ ކުރިއަށް ސަރގެ ލަޤަބު އިތުރުވާނެއެވެ.