ޚަބަރު

ފެންބޮޑުވުމުގެ ސަބަބުން ވޫހާންގައި ރަތް އިންޒާރު އިޢުލާނުކޮށްފި


ޗައިނާގެ ވޫހާން ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން ރަތް އިންޒާރު އިޢުލާނުކޮށްފިއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރުނު ވޫހާން ސިޓީ އޮންނަނީ ޗައިނާގެ އެންމެ ބޮޑު ކޯރުކަމަށްވާ ޔަންގްޒީގެ އައްސޭރީގައެވެ. ރައްކާތެރި މިންވަރުތަކަށްވުރެ ކޯރުގެ ފެންގަނޑު އުފުލެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ސިޓީންވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. ކޯރުތަކުން އިތުރުވާ ފެން ހިފަހެއްޓުމަށް ބިނާކޮށްފައިވާ ތުރީ ގޯޖަސް ރިޒަވަޔާގައިވަނީ އިންޒާރުގެ މިންވަރަށްވުރެ އިތުރު 10 މީޓަރަށް ފެން ޖަމާވެފައެވެ. އެ ރިޒަވަޔާއަށް ސިކުންތަކު 50،000 ކިއުބިކު މީޓަރުގެ ފެންދަނީ ޖަމާވަމުންނެވެ.

ވޫހާންގެ އިތުރުން އަންހުއިއާއި ޝިއަނިންގާއި ޖިއުގިއަންގުގައި ބޯވާރޭގެ ސަބަބުން ފެންބޮޑުވެ ކޯރުތައް ބަންޑުންވެދާނެކަމުގެ ބިރާއެކުވަނީ ރަތް އިންޒާރު އިޢުލާނުކޮށްފައެވެ. ޒިއާންޝީ ޕްރޮވިންސުގައި ހުންނަ ޕޮޔަންގު ކޯރުގެ ފެންގަނޑުވެސްވަނީ އިންޒާރުގެ މިންވަރަށްވުރެ 2.5 މީޓަރަށް އުފުލިފައެވެ. ފެން ބޮޑުވުމުގެ މޫސުން ފެށުނީންސުރެ އެ ކޯރުގެ ސަރަޙައްދުވަނީ 2000 އަކަމީޓަރަށް އިތުރުވެ، ވަށައިގެންވާ ބައެއް އަވަށްތަކުގައި ފެން ބޮޑުވެފައެވެ. ޝަންހާއީ ކައިރީގައި އޮންނަ ޓާއި ކޯރުގެ ފެންގަނޑުވެސް ރައްކާތެރި މިންވަރަށްވުރެ 1 މީޓަރު އުފުލުމުން އެ ސަރަޙައްދުގައިވެސްވަނީ ރަތް އިންޒާރު އިޢުލާނުކޮށްފައެވެ.

މޫސުމީ ބޯވާރޭގެ ސަބަބުން ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ޗައިނާގައި ފެން ބޮޑުވެއެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭ ދަނޑުވަޅެއްގައި ޞިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު ޗައިނާއިން އެހެން ޤައުމުތަކަށް ބޭރުކުރުމުގައިވަނީ ދަތިތަކެއް ދިމާވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން އެ ތަކެތި އުފައްދާ ކާރުޚާނާތަކުގެ މަސައްކަތްތަކަށް ބުރޫއަރައި އެއްތަނުން އަނެއްތަނަށް މުދާ ގެންދިއުމަށްވަނީ ހުރަސްއެޅިފައެވެ.