ޚަބަރު

ވިލާތަގެ ދަރިވަރުންނަށް މިހާރު އެމެރިކާއަށް ދަތުރުކުރެވޭނެ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެމެރިކާއަށް ދަތުރުކުރުން މަނާކުރާ ޤަވާއިދުން އެ ޤައުމުގައި ތަޢުލީމު ޙާޞިލުކުރާ ވިލާތުގެ ދަރިވަރުން އިސްތިސްނާވާކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ވިލާތުގެ ޤައުމުތަކަށް ނިސްބަތްވާ ދަރިވަރުންގެ އިތުރުން ކުދިން ބެލެހެއްޓުމުގެ ޚިދުމަތްދޭ މީހުންނާއި އެމެރިކާގެ ވިސާއޮތް މީހުންގެ ޢާއިލާއަށް އެ ޤައުމަށް ދަތުރުކުރުމުގައި ހުރަހެއް ނެތްކަމަށެވެ. އެމެރިކާއިން ބުނީ ބައެއް ބިދޭސީ މަސައްކަތްތެރިންގެ އަނބިދަރީންނަށް އެމެރިކާއަށް ދަތުރުކުރެވޭނެކަމަށާއި އޭގެ ތެރޭގައި އެޗު-1ބީ ވިސާ އޮންނަ މީހުން ހިމެނޭކަމަށެވެ.

ކޯވިޑް-19 ހަލުވިކަމާއެކު ވިލާތުގައި ފެތުރޭތީ މާރިޗު މަހުގެ ތެރޭގައި ވިލާތުގެ ގިނަ ޤައުމުތަކުން އެމެރިކާއަށް ދަތުރުކުރުން އެ ޤައުމުގެ ސަރުކާރުންވަނީ މަނާކޮށްފައެވެ. ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު އޭރު އެމެރިކާގައި އެހާ ގޯސްވެފައެއް ނުވެއެވެ. ނަމަވެސް އެ ޤައުމު މިހާރު އޮތީ އެންމެ ހަލުވިކޮށް ބަލި ފެތުރޭ ޤައުމުގެ ގޮތުގައެވެ. މުހިންމު ޙާލަތްތަކުގައި ބައެއް ޤައުމުތަކުން ވިލާތަށް ދަތުރުކުރުމުގެ ޙުއްދަ މިދިޔަ މަހުގެ ތެރޭގައި ވިލާތުގެ އިއްތިޙާދުންވަނީ ދީފައެވެ. ނަމަވެސް އެމެރިކާއިން ވިލާތުގެ ޤައުމުތަކަށް ދަތުރުކުރުމުގެ ޙުއްދަ ދީފައެއް ނުވެއެވެ

ވިލާތުގެ ޤައުމުތަކަށް ނިސްބަތްވާ ދަރިވަރުން އެމެރިކާއަށް ދަތުރުކުރުމުގެ ޙުއްދަ ދީފައިވަނީ ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އެމެރިކާ ދޫކޮށް ދާން މަޖުބޫރުވާފަދަ ޤަވާއިދެއް އެކުލަވާލުމަށްފަހު އެ ޤަވާއިދު ބާޠިލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ބަދަލު ގެނެސްފައިވަނީ ބޮޑެތި ޔުނިވަސިޓީތަކާއި ވިޔަފާރިތަކުން އެ ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. ބެލެވޭ ގޮތުގައި ވިލާތުގެ ޤައުމުތަކުގެ ދަރިވަރުންނަށް އެމެރިކާއަށް ދަތުރުކުރުމުގެ ފުރުޞަތު ދީފައިވަނީ ބައިނަލްއަޤްވާމީ ދަތުރުތައް އަލުން ފެށުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.