ވިޔަފާރި

ލޯނެއް ނުދައްކައިގެން ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަނީ


ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކާލަމް ސްޓޭޓް އޮފް ބޭންކް އޮފް އިންޑިއާ، އެސްބީއައިއިން އިޢުލާންކޮށްފިއެވެ.

ޕާމް ބީޗް ރިސޯޓަކީ ޅ. މަދިރިގުރައިދޫގައި ތަރައްޤީކޮށްގެން ހިންގާ ރިސޯޓެކެވެ.

އެސްބީއައިއިން މި ރިސޯޓް ނީލަމުގައި ވިއްކާލަން އިޢުލާންކޮށްފައިވަނީ އެ ރިސޯޓް ރަހުނުކޮށްގެން ނަގާއިފައިވާ ލޯނަކަށް ފައިސާ ނުދެއްކުމުން ރިސޯޓް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެ ބޭންކަށް ދީފައިވާތީއެވެ. ޕާމް ބީޗް ރިސޯޓް ރަހުނުކޮށްގެން އެސްބީއައި އިން ލޯނު ނަގާފައިވަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ރިސޯޓް ނީލަމުގައި ވިއްކައިލަން ވަނީ އިއުލާންކޮށްފައެވެ. ޕާމް ބީޗު ރިސޯޓު ވިއްކާލުމަށް ނީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާއެވެ. ނީލަން ކުރިއަށްދާނީ 16 ޖުލައިން 4 އޮގަސްޓް ގެ ނިޔަލަށެވެ. މި ނީލަން ކުރިއަށްގެންދާނީ އެ ބޭންކުގެ 5 އޮފިސަރުންގެ ޓީމަކުންނެވެ.

ނީލަން ހުށައަޅާ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 15 ހާސް ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް އެ ރިސޯޓް ވިއްކާލާނެކަމަށް އެސްބީއައިއިން ބުނެއެވެ.

އެސްބީއައިން ބުނީ ނީލަން ކާމިޔާބުކުރާ ފަރާތަކުން 15 ދުވަހުގެ ތެރޭގައި 1 މިލިއަން ޑޮލަރު ބެންކަށް ދައްކަންޖެހޭނެކަމަށެވެ. ބާކީ ފައިސާ 60 ދުވަސް ތެރޭގައި ދައްކާ ހަލާސްކުރަންޖެހޭކަމަށްވެސް އެ ބޭންކުން ބުނެއެވެ.