ދީން

"ސިރީޔާފަދަ ގައުމުތަކަށް ޖިހާދުކުރުމަކަށް ނުދެވެނޭ"


ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ
ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުން ހުއްދަނޫން ކަމަށްބުނެ ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހް އެކަޑަމީގެ ރަޢުޔު ހާމަކޮށްފިއެވެ.

މި ރަޢުޔު ހާމަކޮށްފައި މި ވަނީ، ފަހަކަށް އައިސް ދާޚިލީ ހަމަނުޖެހުންތައް
ހިނގަމުންދާ ބައެއް ޤައުމުތަކަށް ޖިހާދުކުރުމުގެ ނަމުގައި ދިވެހިންގެ މަދު ބަޔަކު
ނަމަވެސް ދާތަން ފެންނާތީ ކަމުގައި އިސްލާމީ ފިޤްހް އެކަޑަމީން ބުނެއެވެ. 

ފިޤްހު އެކަޑަމީގެ ފަތުވާގައިވާ ބުނެފައިވަނީ މުސްލިމުން މުސްލިމުންނާއި ހަނގުރާމަކުރުމަކީ
ކީރިތި ރަސޫލާ ސައްލަﷲ އަލައިހް ވަސައްލަމްގެ ސާފު ސަރީޙަ ބަސްފުޅުތަކުން ހަރާމް
ކަމެއް ކަމަށެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސް
ބަސްފުޅެއްގައިވާގޮތުން ދެމުސްލިމަކު ކަނޑި ހިފައިގެންނުކުމެ އެކަކު އަނެކަކާއި
ބައްދަލުކޮށްފިނަމަ ގަތުލު ކުރިމީހާއާއި ގަތުލްވި މީހާވެސް ދާނީ ނަރަކައަށެވެ. 



ފިގްހު އެކަޑަމީގެ ރައުޔު ނުވަތަ ހުކުމްގައި
ބުނެފައިވަނީ އިސްލާމީ ބައެއް ގައުމުތަކުގައި މިހާރު ހިގަމުންދާ
ހަމަނުޖެހުންތަކަކީ އިސްލާމީ އުއްމަތާއި ކުރިމަތިވެފައިވާ ފިތުނައެއްކަމަށެވެ. މިފަދަ
ފިތުނަ ކުރިމަތިވުމުން އަމަލުކުރަންވީގޮތް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް
ބަޔާންކޮށްދެއްވާފައިވާކަމަށާއި އެއީ އެކަމުން ސަލާމަތްކޮށްދެއްވުން އެދި
ދުއާކުރުމާއި ކެތްތެރިވުމާއި ބައިބައިނުވުމާއި އުއްމަތުގެ ވަހުދަތަށްޓަކައި
މަސައްކަތްކުރުންކަމަށް ބަޔާންކޮށްފައިވެއެވެ.



އިސްލާމީ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ
ހަމނުޖެހުންތަކަކީ އިސްލާމީ ޤައުމުތަކާއި ދެކޮޅަށް ރޭވިފައިވާ ސިލްސިލާ
މުއާމަރާތިތަކެއްގެ ބޮޅުތަކުގެ ތެރެއިން ބޮޅެއް ކަމަށާއި ހަމަނުޖެހުން ހިނގަމުންދާ
އިސްލާމީ ގައުމުތަކަށް ޖިހާދުކުރުމުގެ ނަމުގައި ދިއުމަކީ ދުޝްމަނުންގެ
ކުރިމަތީގައި އިސްލާމީ ގައުމުތަކުގެ ކަންތަކާއި ބެހުމަށް
ދޮރުހުޅުވައިދިނުންކަމަށްވެސް ބުނެފައިވެއެވެ. 



ރާއްޖޭގައި އިސްލާމީ ފަތުވާ ނެރުމުގެ އެންމެ އިސް
ފަރާތްކަމަށްވާ ފިގްހް އެކަޑަމީގެ ހުކުމްގައި ބުނެފައިވަނީ އިސްލާމީ ދުނިޔޭގެ
ބޮޑެތި އިލްމުވެރިންގެ އެއްބަސްވެވަޑައިގަންނަވާގޮތުގައި ސޫރިޔާފަދަ އިސްލާމީ
ބައެއް ގައުމުތަކުގެ ހާލަތަށްބަލާއިރު އެގައުމުތަކުގައި ޖިހާދުކުރުން
އިއުލާންކުރަން އައިނިއްޔަ ފަރުޟަކަށް އަދި ނުވާކަމަށެވެ. 



ކިފާޔަތުގެ ފަރުޟަކަށް ބަލައިފިނަމަ
ޖިހާދަށްދިއުމުގެ ޝަރުތުތަކުގެތެރޭގައި ވަލިއްޔުލް އަމުރުގެ ހުއްދަ ލިބުމާއި
މައިން ބަފައިންގެ ހުއްދަލިބުން ހިމެނެއެވެ. 



ސޫރިޔާގައި ހިގަމުންދާ ދާޚިލީ ހަނގުރާމައިގައި
ބައިވެރިވުމަށް ބައެއް ދިވެހިން ގޮސްފައިވާއިރު މީގެތެރެއިން ބައެއް މީހުންވަނީ
ހަގުރާމައިގެ ތެރޭގައި މަރުވެފައެވެ. 



ސޫރިޔާގައި ހިގާ ހަގުރާމައިގެތެރޭގައި ސޫރިޔާ
ސަރުކާރާއި އިސްލާމީ އެކިއެކި ޖަމާއަތްތަކާއި ދެމެދު ހަގުރާމަ ހިގާއިރު އިސްލާމީ
އެކިއެކި ޖަމާއަތްތަކުންވެސް އެއްބަޔަކު އަނެއްބަޔަކު މަރައިހަދާކަމަށް
ޚަބަރުތައްބުނެއެވެ.