ވިޔަފާރި

ކަސްޓަމްސްގެ ޚިދުމަތްތައް ހަލުވިކޮށް، ލުއިފަސޭހަކުރުމުގައި މުހިއްމު ކާމިޔާބުތަކެއް ހޯދިއްޖެ


ފާއިތުވި އަހަރަކީ ކަސްޓަމްސްގެ ޚިދުމަތް ހަލުއިކޮށް ލުއިފަސޭހަކުރުމަށް މުހިއްމު ކާމިޔާބުތަކެއް ހޯދުނު އަހަރެއް ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މިހެން ވިދާޅުވީ ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ތާރީޚުން ފެންނަން އޮތް ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ މުވައްސަސާއެވެ. ކަސްޓަމްސްގެ ޙިދުމަތަކަށް 130 އަހަރު ފުރުމުގެ މުނާސަބަތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްވި ޚިޠާބުގައިވަނީ ކޯވިޑް-19 އާއި ގުޅިގެން ފެތުރިފައިވާ ބިރުވެރިކަމާއި އެކުވެސް ދިވެހިރާއްޖޭގެ ދޮރޯށި ބެލެހެއްޓުމުގައި ކަސްޓަމްސް އޮފިސަރުން ސާބިތުކަމާއެކު ފަސްޖެހުމެއްނެތި ކުރަމުންދާ ހިތްވަރުގަދަ ޚިދުމަތް ފާހަގަކުރައްވާފައެވެ.

ފާއިތުވި އަހަރުތެރޭ ކަސްޓަމްސްއިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ފާއިތުވި އަހަރަކީ ކަސްޓަމްސްގެ ކުރިއެރުމަށާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އެގޮތުުން ކަސްޓަމްސްގެ ޚިދުމަތް ހަލުވިކޮށް ލުއިފަސޭހަކުރުމަށް މުހިއްމު ކާމިޔާބުތަކެއް މިދިޔަ އަހަރު ހޯދުނުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

" ޙާޞިލްކުރެވުނު ލަނޑުދަނޑިތަކުގެ ތެރޭގައި، ކުރިއަށް އޮތް ފަސްއަހަރަށް އަމާޒުކޮށް ކަސްޓަމްސްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި، މަސްތުވާތަކެއްޗާއި އެހެންވެސް މަނާތަކެތި އެތެރެވުން ހުއްޓުވުން ހަރުދަނާކުރުމަށްޓަކައި ގްލޯބަލް ޓްރެވެލް އެސެސްމެންޓް ސިސްޓަމް ޤާއިމުކުރުމާއި، އިންޓަޕޯލާއެކު މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ" އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިދިޔަ އަހަރަކީ ކަސްޓަމްސްގެ މުވައްޒަފުންގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ މުވައްޒަފުން ތަމްރީނުކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރުމާއި، 6 އަހަރު ދުވަހަށްފަހު، ކަސްޓަމްސްގެ 400 އަށްވުރެ ގިނަ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދީފައިވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކަސްޓަމްސްގެ ދިގު މާޒީގައި މުއައްސަސާ ނަގަަހައްޓަމުން އައި މުހިއްމު އަގުކުރުންތަކާ ފުށުއަރާ ބައެއް ޢަމަލުތައް މަދުމަދުން ނަމަވެސް ހިނގާފައިވާކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށެވެ.

"ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ މި މުއައްސަސާއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަން. މިފުރުޞަތުގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު، ވަޒީފާގެ މަަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް ކަސްޓަމްސްގެ އެންމެހައި މުވައްޒަފުންނަށް، އިލްތިމާސްކުރަން" ޝަރީފް ވިދާޅުވިއެވެ.

ކޯވިޑް19އާއެކު ތަޖުރިބާކުރީ ދަތި ދުވަސްތަކެއް ކަމަށާއި، ކުރިއަށް އޮތީ ވެސް ފަސޭހަ ދުވަސްތަކަކަށް ނުވެދާނެކަމަށް ވިދާޅުވެ، ކަސްޓަމްސްގެ އޮފިސަރުން މިހާތަނަށް ދައްކަމުން އައި ހިތްވަރާއި ސާބިތުކަން މަތީ ދެމިތިބުމަށް ޝަރީފް ވަނީ އިލްތިމާސްކޮށްފައެވެ.