ތަޢުލީމު

އިސްލާމީ ޝަހުސިއްޔަތު ހިފަހައްޓައިދޭނެ ތަނަކަށް އެމް.އައި.ޔޫ ވާނެ


އިސްލާމީ ޔުނިވަރސިޓީއަކީ ކުރިއަރައިގެންދާ ތަޢުލީމީ ފިކުރީ، އަދި އިސްލާމީ އައިޑެންޓީޓީ ހިފަހައްޓައިދޭނެ މުއައްސަސާއަކަށް ހައްދަވާނެކަމަށް އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ، އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މިދިޔަ ޖުލައި މަހުން ފެށިގެން ކުއްލިއްޔާ ވަނީ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުވެފައެވެ. މިއާއެކު ޔުނިވަރސިޓިއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޔުނިވަރސިޓިން ވަނީ ފަށާފައެވެ. ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޔުނިވަރސިޓީއަކަށް ބަދަލުވުމާއި ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އެގޮތުން އިލްމީގޮތުން ދަރިވަރުންގެ ފެންވަރު ރަގަޅުކުރުމާއި، ފެންވަރު ރަގަޅު އުސްތާޛުން ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.  ޝަހީމް ވިދާޅުވީ ޔުނިވަރސިޓީ ތަރައްޤީކުރުމުގެ މަސައްކަތަށްވެސް ވަރަށް ބޮޑު އިސްކަމެއްދީގެން މިހާރު ކުރަމުންދާކަމަށެވެ.  އެގޮތުން ޔުނިވަރސިޓީ ތަރައްޤީކުރުމަށް ބޭނުންވާ ފަންޑިންއާއި، އިލްމީ ވަސީލަތްތަކާއި، އުސްތާޛުން ހޯދުމަށްވެސް މަސައްކަތްކުރަމުންދާކަމަށާއި، ބައިނަލްއަޤްވާމީ އިސްލާމިކް އެހެން ޔުނިވަރސިޓީތަކާއި ގުޅިގެން ލައިބްރަރީ ތަރައްޤީކުރުމާއި، އުސްތާޛުންްގެ ފެންވަރު ރަގަޅުކުރުމުގެ މަސައްކަތްކުރިއަށްދާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރަށް ޔުނިވަރސިޓީ ޑިވެލޮޕްމަންޓް ފަންޑެއް އުފެއްދުމުގެ މަސައްކަތްވެސް އެޔުނިވަރސިޓިން ދަނީ ކުރަމުން. ޔުނިވަރސިޓީގެ ބޯޑުން ފާސްކޮށްފައިވާ މި ފަންޑަކީ ޔުނިވަރިސިޓީ ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އުފައްދާފައިވާ ފަންޑެކެވެ. މިފަންޑަށް އެކި ބޭންކްތަކާއި ތަނަވަސް ފަރާތްތަކުގެ ތެރެއިން އެހީވާން ބޭނުންވާ ފަރާތްތަކަށް ސަދަޤާތްކުރެވޭނެކަމަށް ވައިސް ޗާންސެލަރ ޝަހީމް ވިދާޅުވިއެވެ.އިސްލާމީ ހަޟާރަތް ދައްކުވައިދޭ ބިނާއެއްގެގޮތުގައި ޔުނިވަރސިޓީގެ މަރުކަޒީ ބިނާ ހުޅުމާލޭގައި ތަރައްޤީކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް ޝަހީމް ވިދާޅުވި. މިސްކިތާއި، ލައިބްރަރީ އަދި ރިސާރޗް ސެންޓަރުތަކާއި އިސްލާމީ ފެކަލްޓީތައް، އިލްމީ  މުއައްސަސާތައް ހިމެނޭގޮތަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިތަން ތަރައްޤީކުރުމަށް ހުޅުމާލެއިން ބިމެއް ހޯދުމާއި ގުޅޭގޮތުން އެޗްޑީސީ އާއެކު މަޝްވަރާކުރަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ.އިސްލާމިކް ޔުނިވަރސިޓީ ކުރިއަށްއޮތް 3 މަހެއްހާ ދުވަހުގެތެރޭގައި ރަސްމީކޮށް އިފްތިތާޙްކުރުމަށް މަސައްކަތްކުރަމުންދާއިރު އެތަނަކީ ފިކުރީގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވަރުގަދަ ތަނަކަށް ވެގެންދާނެ ތަނެއްގެގޮތުގައި ހެދުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ. ވައިސް ޗާންސެލަރ ޝަހީމް ވިދާޅުވީ އެޔުނިވަރސިޓީން ކިޔަވައިގެން ނިކުންނަ ދަރިވަރުންނަކީ އަރަބި ބަހާއި އިގިރޭސި ބަހުން ރަގަޅަށް މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމަކީ އަމާޒެއްކަމުގައެވެ. އަދި ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ޤާނޫނީ ފެކަލްޓީއަށް، އެތަނުގެ ޤާނޫނީ ފެކަލްޓީ ހަދާ، އިސްލާމިކް ޔުނިވަރސިޓީއަކީ އެތަނާއިމެދު އާއްމުންގެ އިތުބާރު އޮންނަ ބަދަލުތަކެއް ފެނިގެންދާނެތަނަކަށް ހައްދަވާނެކަމަށް އެޔުނިވަރސިޓީއިން ހާމަކުރައްވައެވެ.