ޚަބަރު

4 ދުވަހުން މިލިއަން މީހުންނަށް ޖެހި ޖުމްލަ 14 މިލިއަނަށް


ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 14 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޯވިޑް ބަލީގެ އަސަރު 231 ޤައުމަކާއި ސަރަހަދަކަށް ވަނީ ކޮށްފައެވެ.

100 ގަޑިއިރުގެތެރޭގައި މިލިއަން މީހުންނަށް މި ބަލި މި ވަނީ ޖެހިފައެވެ، މީ މިބަލީގެ ސާރޖް އެންމެ ބޮޑުވި ފަހަރުއެވެ. މި ބަލި ޗައިނާއިން ފެނި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އެންމެ ފުރަތަމަ އަރާފައިވަނީ 3 މަސްދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް މި ބަލިޖެހުނު މީހުންގެ އަދަދު 13 މިލިއަނަށް މިމަހުގެ 13ވަނަދުވަހު އެރުމަށްފަހު އެންމެ 4 ދުވަހުގެ ތެރޭގައި އިތުރު 1 މިލިއަން މީހުންނަށް މިވަނީ ބަލިޖެހިފައެވެ. މީ ރެކޯޑް އަދަދެދެކެވެ.

ކޯވިޑް ބަލި ފެނުނުކަމަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ހޫބޭ ސިޓީންނެވެ. އޭގެ ފަހުން ހަލުވިކަމާއި އެކު މި ބަލި ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ފެންނަމުން އައިސް މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 14 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

މި ބަލީގައި މިހާތަނަށް 5 ލައްކައަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 8.3 މިލިއަން މީހުންނެވެ. މިވަގުތު މި ބައްޔަށް 5 މިލިއަނަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނައިރު 59 ހާހަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސްކަމަށް ހިސާބުތަކުން ދައްކައެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ އެމެރިކާ ބައްރުގައެވެ. އެ ބައްރުން މިހާތަނަށް 7.1 މިލިއަން މީހުންނަށްވަނީ މި ބަލިޖެހިފައެވެ. އެމެރިކާ ބައްރުން އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 3.7 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ 1 ލައްކަ 41 ހާހަށްވުރެ މައްޗަށް އަރާފައެވެ. މިވަގުތު މިބައްޔަށް ޕޮޒިޓިވްވި މީހުން އެންމެ ގިނައީވެސް އެމެރިކާގައެވެ.

މި ބަލީގެ ހާލަތު ދެވަނައަށް އެންމެ ބޮޑީވެސް އެމެރިކާ ބައްރަށް ނިސްބަތްވާ ޤައުމެއްކަމަށްވާ ބްރެޒިލްގައެވެ. އެޤައުމުން މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި 76 ވުރެ ގިނަ މީހުންވަނީ ބްރެޒިލުން މަރުވެފައެވެ.

ދެން މި ބަލީގެ ހާލަތު އެންމެ ބޮޑީ ޔޫރަޕްގައެވެ. ޔޫރަޕުން މިހާތަނަށް 2.9 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލިވަނީ ޖެހިފައެވެ. ޔޫރަޕް ބައްރުން މި ބަލީގެ މީހުން އެންމެ ގިނައީ ސްޕެއިންގައެވެ. އެޤައުމުން މިހާތަނަށް 3 ލައްކަށްވުރެ ގިނަ މިހުންނަށް ބަލިޖެހި 28 ހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޔޫރަފްގައި ދެން މި ބަލީގެ މީހުން އެންމެ ގިނައީ އިނގިރޭސިވިލާތުގައެވެ. އެޤައުމުން 2 ލައްކަ 93 މީހުންނަށްވުރެ ގިނަ މީހުުންނަށް މި ބަލި ވަނީ ޖެހިފައެވެ. އަދި އެޤައުމުން މަރުވި މީހުންގެ އަދަދުވެސް އުޅެނީ 45 ހާހުން މަތީގައެވެ.

ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ ހަތަރުވަނަ ސަރަހައްދުގެ ގޮތުގައެވެ. މި ގޮތުން މި ސަރަހައްދުގެ އެންމެ އާބާދީ ބޮޑު އިންޑިއާ ހިމެނެނީ މި ބަލި އެންމެ ބޮޑަށް ފެތުރޭ ތިންވަނަ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ މި ވަނީ މިލިއަނަކަށް ވުރެ މައްޗަށް އަރާފައެވެ. އިންޑިއާއިން މި ބަލީގައި މިހާތަނަށް 26 ހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މި ސަރަހައްދުން މިބަލި ދެން އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ޕާކިސްތާނުގައެވެ. އެޤައުމުގެ 2 ލައްކަ 59 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހި މަރުވި މީހުންގެ އަދަދު ވަނީ 5 ހާހަށްވުރެ މައްޗަށް އަރާފައެވެ.

މި ބަލީގެ ސަބަބުން ފުރަބަންދުގައި އެތައް މަހެއް ތިބުމަށްފަހު ބައެއް ޤައުމުތަކުން ދިން ލުއިތަކުގެ ސަބަބުން ޤައުމުތަކަށް ބަލީގެ ދެވަނަ ރަޅާ ވަނީ ކުރިމަތިލާންޖެހިފައެވެ. އަދި ބައެއް ޤައުމުތަކުން އަންނަނީ ދެވަނަ ފަހަރަށް އެ ޤައުމުތކުގެ ބައެއް ސިޓީތައް ފުރަބަންދުކުރަމުންނެވެ.