ވިޔަފާރި

ނެޓްފްލިކްސްގެ ހިއްސާގެ އަގުތައް ދަށަށް!


މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ ދަށްވެ، އެކުންފުނީގެ ހިއްސާގެ އަގުތައް ދަށަށް ހިނގައްޖެއެވެ.

ޚަބަރުތައް ބުނާގޮތުން މަޝްހޫރު ސްޓްރީމިންގ ނެޓްވޯކް ނެޓްފްލިކްސްގެ ހިއްސާގެ އަގުތައް ދަށަށް ދިޔައީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ ދަށަށް ގޮސް، ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކުރާ މީހުންގެ އަދަދު ދަށަށްދާނެކަމަށް ލަފާކުރުމުންނެވެ. އެގޮތުން ނެޓްފްލިކްސްގެ ސްޓޮކްތައް 8 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ދެވަނަ ކުއާޓަރުގައި އުއްމީދު ކުރިވަރުގެ އާމްދަނީއެއް ލިބިފައިނުވާއިރު، މިހާރު ހިނގަމުންދާ 3 ވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް ސަބްސްކްރައިބްކުރާ މީހުންގެ އަދަދުވެސް ދަށަށްދާނެކަމަށް ލަފާކުރެއެވެ. އެގޮތުން 3 ވަނަ ކުއާޓަރުގައި 5.2 މިލިއަން މީހުން ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކުރާނެކަމަށް ކުރިން ލަފާކުރިޔަސް، މިހާރު އެއަދަދު އުޅެނީ 2.5 މިލިއަންގައެވެ.

ލޮކްޑައުންގެ ސަބަބުން ނެޓްފްލިކްސް ބޭނުންކުރި މީހުންގެ އަދަދު އިތުރުވެގެންދިޔައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 26 މިލިއަން މީހުން ނެޓްފްލިކްސްއަށް ސަބްސްކްރައިބްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ނެޓްފްލިކްސް ބޭނުންކުރަ ފެށި 12 މިލިއަން މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ނަމަވެސް ކުންފުންޏަށް އެންމެ އެދެވޭ ފައިދާއެއް ލިބިފައިނުވަނީ އަހަރުގެ ކުރީކޮޅު ގެއްލުމާ ކުރިމަތިލާންޖެހުމުންނެވެ.

މިއަހަރު ނެޓްފްލިކްސްގެ އެކައުންޓް އެންމެ ގިނައިން ހުޅުވާފައި ވަނީ ޔޫރަޕް، މެދުއިރުމަތި އަދި އެފްރިކާއިންނެވެ. މި 3 ސަރަޙައްދުން 7 މިލިއަން އައު އެކައުންޓް ހުޅުވާފައިވާކަމަށް ނެޓްފްލިކްސްއިން ބުނެއެވެ. އަދި އެމެރިކާއާއި ކެނެޑާއިންވެސް 2.3 މިލިއަން މީހުން އަލަށް އެކައުންޓްތައް ހަދާ ހިދުމަތް ހޯދަން ވަނީ ފަށާފައިވެއެވެ.