ޚަބަރު

މަސް ފެންގަނޑަށް ވެއްޓުނު ތުއްތުކުއްޖާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި: އައިޖީއެމްއެޗް


މަސް ފެންގަނޑަށް ވެއްޓުނު 15މަހުގެ ތުއްތު ކުއްޖާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައިކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ, ތުއްތު ކުއްޖާގެ ހާލަތާއި ގުޅޭ ގޮތުން އިތުރު އެއްޗެއް އަދި ދެންނެވެން ނެތްކަމަށެވެ.

ލ.ގަމުގައި ގެއެއްގެ މަސްފެންގަނޑަށް ވެއްޓުނު ކުއްޖާ ރޭ މާލެ ގެނެސްފައިނީ، ގަން ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ބޭނުންވެގެންނެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވީ، އުމުރުން 15 މަހުގެ ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓިފައި ވަނިކޮށް ފެނިގެން ނަގައިގެން އެހޮސްޕިޓަލަށް ގެނެސްފައި ވަނީ، އިއްޔެ ހަވީރު ކަމަށެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ ހޭނެތިފައި ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ހޮސްޕިޓަލަށް ގެނައި ފަހުންވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވެ، ފިޓުޖެހުމާއި ގުޅިގެން އިތުރު ފަރުވާއަށް އާސަންދައިން ޗާޓަރ ކުރި ފްލައިޓެއްގައި މާލެ ފޮނުވީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އަލީ ނަޝީދު ވިދާޅުވީ، ކުއްޖާ މާލެ ފޮނުވި އިރުވެސް ހޭ ނާރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 15 މަހުގެ ތުއްތު ފިރިހެން ކުއްޖާ ވެއްޓިފައި ވަނީ ގޯތި ތެރޭގައި ހަދާފައިވާ މަސްފެންގަނޑަކަށެވެ. އެފެންގަނޑަކީ މިހާރު ނުބަލަހައްޓައި ދޫކޮށްލާފައިވާ މަސްފެންގަނޑެކެވެ.

މަސްފެންގަނޑަށް ވެއްޓުނު ތުއްތު ކުއްޖާއަކީ ގަން މަތިމަރަދޫ އަވަށުގެ ގެއެއްގެ ކުއްޖެކެވެ. ތިންކުދިން ތިބި އާއިލާގައި އެކުއްޖާއަކީ އެންމެ ހަގު ކުއްޖާއެވެ.

މީގެ ކުރިންވެސް ގަން މަތިމަރަދޫ އަވަށުގެ ގެއެއްގައި ހަދާފައިވާ މަސްފެންގަނޑަކަށް ވެއްޓުނު ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ މާލެ ގެނެސް އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވެއެވެ. އަދިވެސް އެކުއްޖާއަށް ފަރުވާދެމުން ދަނީ އިންޑިއާގައެވެ.