ޚަބަރު

އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދަނީ


އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެރޭ 20:30ގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިކަމަށެވެ.

މި ބިލު މަޖިލީހަށް ބަލައިގަނެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށައެޅުއްވި ބިލުގައި އާއްމު ސިއްޙަތުގެ ރައްކާތެރިކުރުމުގެ ޤާނޫނަށް ބައެއް އިތުރުކުރުމާއި، އިތުރުކުރާ ބައިގައި 4 މާއްދާއެއް ހިމެނުމަށް ވަނީ ހުށައަޅާފައެވެ.

މީގެތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާގޮތަށް ވަނީ ހިމަނާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭގޮތަށް ވަނީ ހުށައަޅާފައެވެ.

މީގެއިތުރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމަށް ސިއްޙަތާއިބެހޭ ވަޒީރު ނެރެފައިވާ ގަރާރާއި ގުޅިގެން، ކޮންމެ ވަގުތެއްގައިމެ، ކަންތައްތަކެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށްވެސް އިސްލާހުގައި ވެއެވެ.

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކާލާއިގުޅޭ ކަންކަން ނިންމުމުގެ ބާރު މިހާރު މުޅިންހެން އޮންނަނީ ހެލްތު މިނިސްޓްރީގައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބައެއް ބިލްތަކަށް ޢާއްމުންގެ ޚިޔާލު ހޯދުމަކީ، މިހާރު މަޖިލީޙުގެ އިދާރާއިން ކުރަމުން އަންނަ ކަމެވެ.

ނިމުނު ހަފްތާގައިވަނީ ތަޢުލީމާބެހޭ ބިލަށް އާއްމުންގެ ޚިޔާލު ހޯދާފައެވެ.