ޚަބަރު

ފަޤީރު ޤައުމުތަކަށް އެހީތެރިވުމަށް އދން 10 ބިލިއަން ޑޮލަރު ހޯދަނީ


ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް 10.3 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އދން މަސައްކަތް ފަށައިފިއެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ފަޤީރު ޤައުމުތަކަށް އެހީތެރިވުމަށް މިދިޔަ މާރިޗު މަހުގެ ތެރޭގައި އދން ވަނީ ޚާއްޞަ ޙަރަކާތެއް ފަށައިފައެވެ. އެ ޙަރަކާތުގެ ދަށުން ފުރަތަމަ ހޯދަން މަސައްކަތްކޮށްފައިވަނީ 2 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއަށްފަހު އެ ޢަދަދުވަނީ 6.7 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. ނަމަވެސް އިތުރު 3.6 އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ބުނެ، އެ ޖަމުޢިއްޔާއިން ހޯދަން ބޭނުންވާ ޢަދަދުވަނީ 10.3 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. އެއީ އެ އިދާރާއިން އެހާ ބޮޑު ޢަދަދެއް އެއްކުރުމަށް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އެ ޢަދަދުގެ ތެރެއިން މިހާތަނަށް އދއަށް ހޯދިފައިވަނީ 1.7 ބިލިއަން އެމެރިކާ ޑޮލަރެވެ.

އދން ބުނީ ޚަރަދަށް ވިސްނުމެއް ނެތި ޤައުމުތަކުގެ ރައްޔިތުންނާއި އިޤްތިޞާދު ރައްކާތެރިކުރުމަށް މުއްސަނދި ޤައުމުތަކުން މަސައްކަތްކުރަމުންދާކަމަށާއި ފަޤީރު ޤައުމުތަކަށްވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދޭން ވާނެކަމަށެވެ. އެފަދަ އެހީތެރިކަމެއް ނުލިބިއްޖެނަމަ އިންސާނީ ކާރިޘާތަކެއް މެދުވެރިވެ އެތައް މިލިއަން މީހުންނެއް ބަނޑަށް ޖެހޭނެކަމުގެ އިންޒާރުވަނީ އދން ދީފައެވެ. އެ ޖަމުޢިއްޔާއިން ބުނީ ފިޔަވަޅެއް ނާޅައި ދޫކޮށްލައިފިނަމަ ފާއިތުވި އަހަރުތަކުގައި ދުނިޔެ ހޯދި ތަރައްޤީ ބޭކާރުވާނެކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ އޭގެ ސަބަބުން ކުރިމަތިވާ އިންސާނީ ކާރިޘާތަކުގެ ގެއްލުން ބޮޑުވުމުގެ ފުރުޞަތު އޮތްކަމަށް އެ އިދާރާއިންވަނީ ފާގަކޮށްފައެވެ.

ފުރަބަންދުތަކުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ އެތައް މިލިއަން ބިދޭސީ މަސައްކަތްތެރިންނަށް ޢާއިލާއަށް ފޮނުވާނެ ފައިސާ ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. ކޯވިޑް-19ގެ ސަބަބުން ނުރައްކާތެރި ބަލިތަކާ ދެކޮޅަށް ވެކްސިން ދިނުންވެސްވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހުއްޓިފައެވެ.

ބަލިމަޑުކަމުގެ ސަބަބުން ހަނގުރާމައިގެ ޙާލަތުގައި އޮތް ޤައުމުތަކުގެ ޙާލަތުވަނީ އިތުރަށް ގޯސްވެފައެވެ. އދ ބުނީ އެހީގެ ގޮތުގައި ހޯދާ ފައިސާއިން 63 ޤައުމަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އޭގެ ތެރެއިން ގިނަ ޤައުމުތަކަކީ އެފުރިކާ އަދި މެދުތެރޭ އެމެރިކާގެ ޤައުމުތަކެވެ. އެގޮތުން ސޮމާލިޔާއާއި ޔަމަނާއި ނައިޖީރިޔާއާއި ޒިމްބާބްވޭއާއި ހައިޓީގެ ޙާލަތާމެދު އދންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. ޔަމަނުގައި ކޯވިޑް-19 ޖެހުނު މީހުންގެ ތިން ބައިކުޅަ އެއްބައި މީހުންވަނީ މަރުވެފައެވެ. އެއީ ދުނިޔޭގެ އެހެން ސަރަޙައްދުތަކަށްވުރެ 5 ގުނަ އިތުރު ޢަދަދެކެވެ.