ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ބުރެޒިލުގައި 2 މިލިއަނަށް އަދި އިންޑިޔާގައި 1 މިލިއަނަށް އިތުރުވެއްޖެއެވެ.
210 މިލިއަން މީހުންގެ އަބާދީއެއް އޮންނަ ބުރެޒިލުގައި މިހާތަނަށް 2،012،151 މީހުންނަށް ކޯވިޑް-19 ޖެހި، 76،688 މީހުންވަނީ މަރުވެފައެވެ. ބުރެޒިލުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ދެ މިލިއަނަށް އިތުރުވެފައިވަނީ އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ ޢަދަދު އެއް މިލިއަނަށް އިތުރުވިތާ 27 ދުވަހުގެ ތެރޭގައެވެ. އެންމެ ހަލުވިކޮށް ބަލި ފެތުރޭ އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެއް މިލިއަނުން ދެ މިލިއަނަށް އިތުރުވާން ނެގީ 43 ދުވަހެވެ. ބުރެޒިލަކީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ހަލުވިކޮށް ބަލި ފެތުރެމުންދާ ޤައުމެވެ. ފާއިތުވި ހަފުތާތަކުގައި ދުވާލަކު 40،000 މީހުންނަށް ބުރެޒިލުގައި ބަލި ޖެހެއެވެ.
ބުރެޒިލާއި އެމެރިކާގައި ބަލިފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވީ އެންމެ އާބާދީ ބޮޑު ސިޓީތަކުގައި ބަލި ފެތުރެން ފެށުމުންނެވެ. ބުރެޒިލުގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވިނަމަވެސް އެ ޤައުމުގެ ރައީސް ޖައިޚް ބޮލްސޮނާރޯ މަސައްކަތްކުރައްވަނީ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލެއްވުމަށެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި 1 މިލިއަން މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އެއާއެކު އެންމެ ހަލުވިކޮށް ބަލި ފެތުރެމުންދާ އެމެރިކާއާއި ބުރެޒިލަށްފަހު ބަލީގެ އަސަރު ތިންވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުގެ ގޮތުގައި އިންޑިޔާވަނީ ފާހަގަވެފައެވެ.
އިންޑިޔާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 35،468 މީހުންނަށް ކޯވިޑް-19 ޖެހި، 680 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 1.004 މިލިއަނަށް އިތުރުވެފައެވެ. އަދި މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 25،602އަށް އިތުރުވެފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދަކީ އާބާދީގެ ނިސްބަތުން ބަލާނަމަ ބޮޑު ޢަދަދެއް ނޫންކަމަށް ޞިއްހީ މާހިރުން ބުނެއެވެ.
ގައިންގަޔަށް އަރާ ބަލިތަކުގެ މާހިރުން ޤަބޫލުކުރާގޮތުގައި އިންޑިޔާގައި ބަލިފެތުރޭ މިންވަރު އެންމެ މައްޗަށް އެރުމަށް އަދި އިތުރު މަސްތަކެއް ނަގާނެކަމަށެވެ. އަދި ބާރުބޮޑުވެފައިވާ އެ ޤައުމުގެ ޞިއްޙީ ނިޒާމަށް އިތުރު ގޮންޖެހުންތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވަނެކަމަށް ބެލެވެއެވެ.
ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިންޑިޔާގެ ޞިއްޙީ ނިޒާމުގައި ހުރި ގިނަ މައްސަލަތައްވަނީ ފެންމަތިވެފައެވެ. އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ސަރުކާރުން ދޭ އަޙައްމިއްޔަތުކަން އެހެން ދާއިރާތަކަށްވުރެ ކުޑައެވެ. އެ ޤައުމުގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ޑޮކްޓަރުންނާއި ހަސްފަތާލު އެނދު ހަމަކުރުމުގައި އެ ޤައުމުން ދަތިތަކަކާ ކުރިމަތިލަމުންދާތާ އެތައް އަހަރެއްވަނީ ވެފައެވެ.
ޕަބްލިކު ހެލްތު ފައުންޑޭޝަން އޮފް އިންޑިޔާއިން ބުނީ ކޯވިޑް-19 ފެތުރޭ މިންވަރު އިންޑިޔާގައިވެސް ދާނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންކަމަށެވެ. ސަރުކާރުގެ އަމާޒަކަށް ވާންވާނީ ބަލީގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށްކަމަށް އ އިދާރާއިން ބުނެއެވެ.
ބަލިފެތުރޭ މިންވަރު ދަށްކުރުމަށް މާރިޗު މަހުގެ ތެރޭގައި އިންޑިޔާގައިވަނީ ހަރުކަށި ފުރަބަންދެއް އިޢުލާނުކޮށްފައެވެ. އިންޑިޔާގެ ސަރުކާރުން ބުނީ ފުރަބަންދުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްވެފައިވާކަމަށާއި ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ވަގުތު ލިބުނުކަމަށެވެ. ނަމަވެސް ޢާންމު ޞިއްޙަތާބެހޭ މާހިރުން ބުނީ ބަލި ފެތުރޭ މިންވަރު ދަށްކުރުމުގައި ފުރަބަންދުގެ ސަބަބުން މާބޮޑު އަސަރެއް ކޮށްފައިނުވާކަމަށާއި ކުރިއަށް އޮތް މަސްތަކުގައި ހަލުވިކަމާއެކު ބަލިފެތުރޭނެކަމަށް ބެލެވޭކަމަށެވެ. އެއް މިލިއަން މީހުންނަށް ބަލި ޖެހުނުނަމަވެސް ބަލި ޖެހުނު މީހުންގެ އަސްލު ޢަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވޭކަމަށާއި ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނި ގިނަ ޢަދަދެއްގެ މީހުން ތިބޭނެކަމަށް ޞިއްހީ މާހިރުން ބުނެއެވެ.