ޚަބަރު

ބިދޭސީންގެ އިންސާނީ ޙައްޤުތަކުގެ މަތިން ހަނދުމަކުރުމަށް ހުކުރު ހުޠުބާގައި ގޮވާލައިފި


ރާއްޖެއިން ބޭރުން މީހުން ގެނެސް، އެ މީސްމީހުން ލައްވާ މަސައްކަތް ކުރުވާ އިރު، އެ މީހުންގެ އިންސާނީ ޙައްޤުތަކުގެ މަތީން ހަނދާން ކުރުމަށް މިއަދުގެ ހުކުރ ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގެ މައުޟޫއަކީ "އިންސާނީ ވަގުފާރި – ޒަމާނީ އަޅުވެތިކަން"މި މަޢުޟޫއެވެ.

ހުކުރު ޚުތުބާގައި ބުނެފައިވަނީ އެކި ޤައުމުތަކުން މަސައްކަތަށް ގެންނަ މީހުންނަށް ކާންބޯން ދިނުމާއި ނިދުމާއި، ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އަދި ރިވެތި ގޮތުގައި އެ އެމީހުންނަށް މުސާރަ ދިނުމަކީ ވެސް އެމީހުން ގެނައި ބަޔެއްގެ ޒިންމާއެއްކަމަށާއި ވަޒީފާ ތަކަށް ގެންނަ މީހުންގެ ވިސާގެ ކަންތައް ހަމަޖައްސައިދިނުމާއި، ވޯކްޕާމިޓް ހައްދައި ދިނުމަކީ ވެސް އެމީހުން ގެންނަބައެއްގެ ޒިންމާއެއްކަމަށެވެ.

އަދި ބިދޭސީންނަށް އަސާސީ ޙައްޤުތައް އަދާކުރުމަކީ ދީނީ އަދި ދުނިޔަވީ ވާޖިބެއްކަމަށާއި މިކަންކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލު ކުރުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމް ވެގެންވާކަމެއްކަމަށްވެސް ޚުތުބާގައިވަނީ ބުނެފައެވެ.

ހުކުރު ހުޠުބާގައި ބުނެފައި ވަނީ އިންސާނީ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް ބޮޑެތި މުސީބާތްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ރަނގަޅު މުސާރައެއް ދޭނެކަމަށް ބުނެ ހައްލާލައިގެން އެތައް ލައްކަ މީހުން އެހެން ގައުމުތަކަށް ފޮނުވަނީ ކެހިވެރި އޮޅުވާލުމެއްގެ ތެރޭގައި ކަމަށާއި ގޭގައި މަސައްކަތް ކުރުމުގެ ނަމުގައި ޤައުމުތަކަށް ގެންދާ އަންހެނުން ލައްވައިވެސް ހަށި ވިއްކުމާއި ޖިންސީ ފަތުރުވެރިކަމުގެ މަސައްކަތްކުރާ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އުޖޫރަ އަށްމަސައްކަތް ކުރާ މީހާއަށް، އޭނާގެ ގައިން ދާ ހިކުމުގެ ކުރިން އޭނާގެ އުޖޫރަ ދޭހުށިކަމެވެ!" މިޙަދީޘުން ދޭހަވަނީ ވަޒީފާ ދޭ މީހާ އާއި ވަޒީފާ އަދާކުރާ މީހާ އެއްބަސްވީ ގޮތަށް މުސާރަ އާއި، ޢިނާޔަތްތައް ދިނުމުގެ މުހިންމު ކަމެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ އިސްލާމް ދީނުގެ އުޞޫލުތަކަށް ބަލާއިރު އިންސާނާގެ ކަރާމާތާއި، އިންސާނިއްޔަތާ ފުށުއަރާ އެންމެހައި ޢަމަލުތަކަކީ އިސްލާމްދީން މަނާ ކުރާ ކަންތައްތައްކަމަށެވެ. ރާއްޖޭގައި ތަފާތު އެކި މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންނާމެދު އިހުމާލުވެ، އެ މީހުންގެ ޙައްޤުތައް ނުދޭނަމަ، އެ ޙައްޤުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިންކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި ހަމަނުޖެހުން ހިންގައި ސަރުކާރާއި، ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެކަމަށާއި އިސްލާމްދީނަކީ ދުންޔަވީ މިފަދަ ކޮންމެ ކަމެއްގައި ޢަދުލުވެރިވުމާއި، އިޙްސާންތެރި ވުމުގެ މަތިވެރި އުޞޫލުގައި ހިފެހެއްޓުމަށް ގޮވާލާ ދީންކަމަށްވެސް ހުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

"މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ :"ހަމަކަށަވަރު އަދުލުވެރިވުމަށާއި، އިޙްސާންތެރި ވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީ ކުރައްވަތެވެ. އެކަލާނގެ،ތިޔަބައިމީހުންނަށް، ވަޢުޡު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރަށް ޚުތުބާގައި ވަނީ ވަގުފާރީގެ ސަބަބުން މުޖުތަމަޢުގައި ފެތުރޭ ފާހިޝް އަމަލުތަކަކީ މުޖުތަމަޢު ވީރާނާ ކޮށް ހަލާކުކޮށްލައިފާނެކަމެއްކަންވެސް ހަނދާންކޮށްދީފައެވެ. މުޅި ދުނިޔެ މިހާރު ހޭދަ ކުރަމުން ދާ ދުވަސްތަކަކީ ޞިއްޙީ ނުރައްކަލަކާއި ކުރިމަތިލާންޖެހިފައިވާ ދުވަސްތަކެއްކަމުން މިކަމާ ގުޅިގެން ބައެއް މީހުންގެ އަތްމަތި ދަތިވެ، ބިކަ ހާލުގައި ޖެހިފައިވާކަންވެސް ވަނީ ހަނދާން ކޮށްދީފައެވެ. އެހެންނަމަވެސް މުވައްޒަފުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އުޖޫރަ ދިނުމާއި، ޢިނާޔަތްތައް ދިނުމުގައި އިންސާފުވެރިވެ، ދީލަތިވުމަށް ވަނީ ގޮވާލައްވާފައެވެ.