ކުޅިވަރު

އަހުމަދު ޢަބްދުﷲ މާޒިޔާގައި މަޑުކުރަން ނިންމައިފި


ގައުމީޓީމުގެ ކުރީގެ ޑިފެންޑަރު އަހުމަދު އަބްދުﷲ ލިލީ މާޒިޔާގައި މަޑުކުރަން ނިންމައިފިއެވެ.

މިދިޔަ ސީޒަންގައި މާޒިޔާއާއިއެކު އޭއެފްސީކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަހޯދައި ދިވެހި ލީގު ކާމިޔާބުކޮށްފައިވާ ލިލީ އެކުލަބުގައި މަޑުކުރަން ނިންމީ އިތުރު އެއް އަހަރަށެވެ.

ފުރަތަމަ ޑިވިޝަންގައި ލިލީ އެންމެ ފުރަތަމަ ފެނިގެންދިޔައީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އެގޮތުން އެކުލަބާއިއެކު އޭނާވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ޚާއްސަކޮށް 2013ވަނަ އަހަރުގެ ސީޒަންގެ ހުރިޙާ ތައްޓެއް ނިއުރޭޑިއަންޓުން ކާމިޔާބުކުރުމުގައިވެސް ލިލީވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހަތްއަހަރު ނިއުއަށް ކުޅުމަށްފަހު ދެން އޭނާ ބަދަލުވީ 2016ވަނަ އަހަރު ޓިސީ ސްޕޯޓްސް ކުލަބަކަށެވެ. ނަމަވެސް އަލުން 2017ވަނަ އަހަރު ލިލީވަނީ އެނބުރި ނިއުއާއި ގުޅިފައެވެ. އޭނާއެންމެ ފުރަތަމަ މާޒިޔާގެ ޖާސީގައި ފެނިގެންދިޔައީ މިދިޔަ ސީޒަންގައެވެ. އޭރު އޭނާއަކީ ގައުމީޓީމުގެވެސް މުހިންމު ޑިފެންޑަރެކެވެ.

މާޒިޔާއިން އަންނަ ސީޒަންއަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު، އެޓީމުގެ އެންމެ މުހިންމު ފޯވާޑް، ސެއިންޓް ވިންސެންޓްގެ ކޯނެލިއަސް ސްޓެވާޓްވެސް ވަނީ ޓީމުގައި މަޑުކުރަން ނިންމާފައެވެ. އަދި އެޓީމުން އަންނަނީ، ތަޖުރިބާކާރު ދިވެހި ދެކޯޗުންނާއި މަޝްވަރާކުރަމުންނެވެ.