ޚަބަރު

ޔެެލޯ އެެލާޓް: ގުގުރުމާއިއެކު ބޯކޮށް ވާރެވޭނެ، ސަމާލުވޭ


ގުގުރުމާއެކު ބޯކޮށް ވާރެވޭނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި އަތޮޅުތަކަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން 14:00 އަށެވެ. އަދި ކ.އަތޮޅުން ވ.އަތޮޅަށް މެންދުރުފަހު 1:00 އިން ފެށިގެން ހަވީރު 4:00އަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދަޅުވީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށާއި ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑުވެފަ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.