ޚަބަރު

ދޮޅުއަހަރުނުވާ ތުއްތު ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވެ މާލެ ގެނެސްފި


ހައްދުންމަތީ ގަމުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުޑަކުއްޖަކު ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފިއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ވިދާޅުވީ، އުމުރުން 15 މަހުގެ ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓިފައި ވަނިކޮށް ފެނިގެން ނަގައިގެން ގެނެސްފައި ވަނީ، އިއްޔެ ހަވީރު ކަމަށެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ ހޭނެތިފައި ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ހޮސްޕިޓަލަށް ގެނައި ފަހުންވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވެ، ފިޓުޖެހުމާއި ގުޅިގެން އިތުރު ފަރުވާއަށް އާސަންދައިން ޗާޓަރ ކުރި ފްލައިޓެއްގައި ރޭ މެންދަމު މާލެއަށް ފޮނުވިފައިވާ ކަމަށެވެ.

އަލީ ނަޝީދު ވިދާޅުވީ، ކުއްޖާ މާލެ ފޮނުވި އިރުވެސް ހޭ ނާރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 15 މަހުގެ ތުއްތު ފިރިހެން ކުއްޖާ ވެއްޓިފައި ވަނީ ގޯތި ތެރޭގައި ހަދާފައިވާ މަސްފެންގަނޑަކަށެވެ. އެފެންގަނޑަކީ މިހާރު ނުބަލަހައްޓައި ދޫކޮށްލާފައިވާ މަސްފެންގަނޑެކެވެ.

މަސްފެންގަމޑަށް ވެއްޓުނު ތުއްތު ކުއްޖާއަކީ ގަން މަތިމަރަދޫ އަވަށުގެ ގެއެއްގެ ކުއްޖެކެވެ. ތިންކުދިން ތިބި އާއިލާގެ އެކުއްޖާއަކީ އެންމެ ހަގު ކުއްޖާއެވެ.

މީގެ ކުރިންވެސް ގަން މަތިމަރަދޫ އަވަށުގެ ގެއެއްގައި ހަދާފައިވާ މަސްފެންގަނޑަކަށް ވެއްޓުނު ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ މާލެ ގެނެސް އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވެއެވެ. އަދިވެސް އެކުއްޖާއަށް ފަރުވާދެމުން ދަނީ އިންޑިއާގައެވެ.