ސިޔާސީ

މަޝްވަރާ ހުއްޓާލުމަކީ ހައްލެއް ނޫން- ސަރުކާރު


އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮވެ އެމްޑީޕީން ސަރުކާރާއެކު  ކުރިއަށްގެންދާ މަޝްވަރާތައް ހުއްޓާލުމަށް ނިންމި ނިންމުމަކީ، ރައްޔިތުންގެ ތަރައްގީއާއި މަންފާ ހޯދައިދިނުމަށް  ކުރާމަސައްކަތުން އެކަހެރިވުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.ސަރުކާރާއެކު އިތުރަށް މަޝްވަރާ ނުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވާާއިރު، އެކަން ރަސްމީކޮށް ސަރުކާރަށް ހުށައަޅާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް އަލީ ޕީއެސްއެމަށް ވިދާޅުވީ، ސަރުކާރުން ބައެއްކަންތައްތައް މަޝްވަރާތަކާއި އެއްގޮތަށް ފުރިހަމަ ނުކުރާކަމަށް އެމްޑީޕީން ތުހުމަތުކުރިނަމަވެސް، މިހާތަނަށް އެއްވެސް މަޝްވަރާ ބައްދަލުވުމެއްގައި ކަމެއް ކުރުމަށް އެއްބަސްވެފައި ނޯންނާނެކަމަށެވެ.ކޮންމެ މަޝްވަރާ ބައްދަލުވުމަކަށްފަހު އެބައްދަލުވުމަކީ، ވަރަށް ރަނގަޅު އަދި އުއްމީދީ ބައްދަލުވުމެއްކަމުގައި އެމްޑިޕީން ބުނެފައިވާއިރު، މިނިވަން ފަންސާހަށް މަޝްވަރާތައް މެދުކަނޑާލުމަށްފަހު އިތުރު ބައްދަލުވުމެއް ނުބޭއްވެނީސް އެމްޑީޕީން މަޝްވަރާތައް ހުއްޓާލިކަން ހާމަކުރުމަކީ  ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ދެފަރާތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ތޯތޯ ކަންކަމެއް ނޫންކަމަށާއި، ވަކި ބައެއްގެ މަސްލަހަތު ހިފެހެއްޓުމަށް ސަރުކާާރުން މަޝްވަރާނުކުރާނެކަމަށްވެސް މުއާޒު ވިދާޅުވިއެވެ. އަދި ސަރުކާރުން އަބަދުވެސް ބަލާނީ ރައްޔިތުންނާއި، ގައުމުގެ މަސްލަހަތައްކަމަށްވެސް މުއާޒް ވިދާޅުވިއެވެ.އެމްޑީޕީން ސަރުކާރާއި އެކު މަޝްވަރާތައް ކުރިއަށް ނުގެންދިއުމަށް އެޕާޓީީގެ ގައުމީ މަޖިލީހުން ނިންމީ ޖަލުހުކުމް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް ނަޝީދު ބޭސްފަރުވާއަކަށް މާލޭގައި ދުވަސްކޮޅަކު ބެހެއްޓުމަށްފަހު ޖަލަށް ބަދަލު ކުރުމާއި ގުޅިގެންނެވެ.މުއާޒް ވިދާޅުވީ، އަދިވެސް އޮތީ މަޝްވަރާ ކުރުމުގެ ކުރިން ސިޔާސީ މަސްރަހު އޮތްގޮތަށްކަމަށާއި، މަޝްވަރާތައް ނުކުރެވޭ ވަރުގެ އާ ކަމެއް ވެގެން ނޫޅޭކަމަށެވެ.އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވަނީ، ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރީ ސަރުކާރާ އެކު ކުރި މަޝްވަރާގައި އެކަމަށް އެއްބަސްވެގެން ކަމަށާއި، އެކަމަށް އިހްތިރާމް ނުކުރުމުން މަޝްވަރާކުރުމުގެ ބޭނުމެއް ނެތްްކަމަށެވެ.ނަމަވެސް އިއްޔެ ހޯމް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފްރަންސެއްގައި ވަނީ އެމްޑީޕީގެ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. ހޯމް މިނިސްޓްރީ އިން ވިދާޅުވީ، ދެމަހެއްހާ ދުވަސްކުރިން ނަޝީދު ގޭބަންދަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށާއި، އެއީ ދާއިމީކޮށް ގެނައި ބަދަލެއް ނޫން ކަމަށެވެ.ދާއިމީކޮށް ގޭބަންދަށް ބަދަލުކުރުމަކީ ގާނޫނީގޮތުން އަދި ނުކުރެވޭނެކަމަކަށްވާއިރު ސަރުކާރުން ގާނޫނާއި ޚިލާފަށް ކަމެއް ކުރުމަށް އެއްބަސްވެފައިނުވާނެކަމަށް ހޯމް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ މިހައްމަދު ޝައިނީ އިއްޔެ ވިދާޅުވެފައިވެއެވެ.