ޚަބަރު

"ސުން ރަބަރު"ގެ ނަމުގައި ޕީއެސްއެމުން ކެމްޕޭނެއް ފަށައިފި


އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ޕްލާސްޓިކް މަދުކުރުމަށް "ސުން ރަބަރު"ގެ ނަމުގައި ޕީއެސްއެމްއިން މިއަދު ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނުގެ ދަށުން މިއަދު ބޭއްވި ހަފުލާގައިވަނީ ޕީއެސްއެމްގެ ރޭޑިޔޯ އާއި ޓީވީ ބިލްޑިންގައި ފެން ޑިސްޕެންސަރު ބަހައްޓައި، ހުރިހާ މުވައްޒަފުންނަށް ބިއްލޫރި ފެންފުޅި ބެހުމުގެ ހަރަކާތެއް ފަށާފައެވެ.

ޕީއެސްއެމްގެ ޗެއާމަން މި ޙަރަކާތް ސިފަކުރެއްވީ "އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށްޓަކައި (ކުރިއަށް) އެޅުނު ފިޔަވަޅެއް"ގެ ގޮތުގައެވެ.

"ސުން ރަބަރަކީ" ޚަރަދުކުޑަ އުފެއްދުންތެރި ދެމެހެއްޓެނިވި "މާދަމާއަކަށް" އަމާޒުކޮށްގެން ޕީއެސްއެމްއިން ހިންގާ މައި ކެމްޕޭން "ށޭ"ގެ ދަށުން ހިންގާ ހަރަކާތަކެވެ. "ށޭ" ކެމްޕެއިނަކީ ޕީއެސްއެމްގެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒަމާނީ، ދެމެހެއްޓެނިވި އުސޫލަކަށް ވާޞިލްވުމަށް ހިންގާ ކެމްޕެއިންއެކެވެ.

މީގެ ކުރިން "ށޭ" ކެމްޕެއިންގެ ދަށުން ހިންގާފައިވަނީ އޮފީސް މާހައުލު ސާފުކުރުމުގެ ހަރަކާތެއް ކަމަށްވާ "ހާދަ ހަޑިޔޭ!" އަދި އޮފީހުގައި ބޭކާރު ގޮތުގައި ބޭނުންކުރެވޭ ކަރަންޓު މަދުކުރުމަށް "ނުކަތާ ބިލް!"ގެ ނަމުގައި ހިންގާފައިވާ ހަރަކާތެކެވެ.

މިއަދުގެ މި ޙަރަކާތާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ މިއީ "ޕޭޕަރ ލެސް" އޮފީހަކަށް ޕީއެސްއެމް ހެދުމުގެ ފެށުންކަމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި އެޅޭ ފިޔަވަޅުތައް އިތުރުކޮށް ކުނި މަދުކުރުމަށްޓަކައި، ހުރިހާ މުވައްޒަފުންގެވެސް އެއްބާރުލުން ބޭނުންވާނެކަމަށެވެ.

"ށޭ" ކެމްޕެއިންގެ ދަށުން މަސައްކަތުގެ މާހައުލު ފަހިކޮށް، ފެހިކޮށް، އަދި ތިމާވެށި ރައްކާތެރި ކުރުމަށް އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.