ޚަބަރު

ކޯވިޑާ އެކު ހިނިތުންވުން ފަރުދާވެއްޖެ


ހިނިތުންވުމުގެ މާތް ކަމެކެވެ. އެއީ ހިތްހެޔޮކަމުގެ ޢަލާމާތެކެވެ. އޯގާވެރިކަމާއި އަޅާލުން އިޙްސާސްވާ ކަމެކެވެ. އަނެއް އިންސާނާގެ ނަފުސާނީ ދުޅަހެޔޮކަމަށް ތިމާއަށް ދެވޭ ފަރުވާއެއްވެސްމެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެއީ ބުރަ މަސައްކަތެއް ނުވަތަ ބޮޑު ހޭދައެއް ނުކޮށް އަނެކާއަށްދެވޭ އަގު ނުކުރެވޭފަދަ އަގުމާތްވި ހަދިޔާއެކެވެ.

ހިނިތުންވުމަކީ އިސްލާމްދީނުގައި އެކަމަށް ބާރުއަޅާ ކަމެކެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިރުޝާދު ދެއްވާގޮތުގައި ހިނިތުންވެލުމަކީ ޞަދަޤާތެކެވެ. އެއީ ކުޑަކުޑަ ހަރަކާތަކުން އެތައް ސަވާބެއް ލިއްބައިދޭ އަގުހުރި ނިޢުމަތެކެވެ.

ހިނިތުންވުމުގެ ސިފަޔަކީ ދިވެހިންގެ ތީރި ހިތްގަމު ސިފަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ސިފައެކެވެ. ރާއްޖެއަށް އެކި ޒަމާންތަކުގައި ޒިޔާރަތްކުރި ސައްޔާޙުންނާއި ފަތުރުވެރިންގެ ލިއުންތަކުންނާއި ވާހަކަތަކުން ދިވެހިންގެ ހިތްހެޔޮކަމާއި ހިނިތުންވުމުގެ ވާހަކަ އައިސްފައިވެއެވެ.

ދިވެހިންގެ ހިނިތުންވުމުގެ ހިތްގައިމު މަންޒަރަކީ ހަމައެކަނި މަގުމަތިން ފެންނަމުންދާ މަންޒަރުތަކެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ޒިޔާރަތްކުރިޔަސް ޚިދުމަތްދޭ ކޮންމެތަނަކަށް ދިޔަޔަސް ހިނިތުންވުމާއެކު ދިވެހިންގެ ތެރެއިން ފެންނަމުންދާނީ އެއްބައިވަންތަކަމާއި ހިތްހެޔޮކަމެވެ. އަދި ހަމައެހެންމެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކޮންމެތާކަށް ދިޔަނަމަވެސް އެންމެ ފުރަތަމަ ފެންނާނީވެސް އެތަނަކުން ހިނިތުންވުމެވެ.

ރިސެޕްޝަންގައި އިންނަ ކުއްޖާ ހިނިތުންވާނެއެވެ. އޮފީހެއްނަމަ ކޮންމެ ތާކުން މީހަކާ ބައްދަލުވިކަމުގައި ވީނަމަވެސް އެރީތި ހިނިތުންވުން ފެންނަމުންދާނެއެވެ. މި ހިނިތުން ވުމަކީ އެތަނަކަށް ޚިދުމަތް ހޯދުމަށް އަންނަ މީހާއަށްވެސް ހިތްހަމަޖެހިގެން ޚިދުމަތް ހޯދުމަށް ލިބޭނެ ފުރުޞަތެކެވެ.

އެހެންނަމަވެސް މިހާރު އެހިނިތުންވުން ފެންނާކަށް ނެތެވެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް-19 ނުރައްކާތެރި ބަލި މަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކަމަށް ހުއްޓުން އައިފަދައިން އެހިނިތުންވެސް ފެންނާކަށް ނެތެވެ. މިދެންނެވީ ދިވެހިންގެ ފަރާތުން އެ ހިނިތުން ފިލާ ދިޔަ ވާހަކައެއް ނޫނެވެ. ކޯވިޑް-19ގެ ސަބަބުން ރައްކާތެރިވުމަށް އަޅަން ޖެހޭ މި މާސްކްގެ ސަބަބުން އެ ހިނިތުންވުން ފެންނަން ނުހުންނަ ވާހަކައެވެ.

މާސްކާއެކު އައު ޢާއްމު ޙާލަތެއް މިވަނީ އައިސްފައެވެ. މިޙާލަތުގައި މީހަކާ ބައްދަލުވެ ހިނިތުން ވިޔަސް އެކަމެއް ނޭނގެއެވެ. ޚިދުމަތް ހޯދުމުގައި އެކަކު އަނެކަކާ ކުރާ މުޢާމަލާތްތަކުގައި މިހާރު ކުރެވޭ އިޙްސާސްތައް ތަފާތުވާނެއެވެ. ބައެއް ފަހަރު އަނެކާއަކީ ހާދަ "ފޮނި" މީހެކޭވެސް ހީވެދާވެދާނެއެވެ.

މީހަކަށް ޝުކުރުއަދާކުރުމުން ޖަވާބުގައި އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލުމެއްވެސް ނެތި މީހަކު ހިގައްޖެނަމަ އޭނާއާމެދު ހިތުގައި ކޮންމެވެސް ނުތަނަވަސްކަމެއް އުފެދޭނެއެވެ. މިހާރު މީހުން އުޅޭ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނާނީ އެކި ކުލަކުލައިގެ މާސްކްތަކެވެ.

ތިމާ އަޅާ މާސްކުގެ ކުލައާއި ބައްޓަމާއި ޑިޒައިނުން ފަހަރެއްގައި އެހެންމީހުންނަށް ކުރެވޭ އިޙްސާސް ތަފާތުކޮށްލެވިދާނެއެވެ. އެހެންނަމަވެސް ހިނިތުންވުމުން އެލިބޭ އުފާވެރި އިޙްސާސެއް ނުލިބޭނެއެވެ.

އެހެންނަމަވެސް ވިސްނާށެވެ. މާސްކް އެޅިއެއްކަމަކު އެ ހިނިތުން ވުން ނުފެނުނުނަމަވެސް އެހެން ގޮތަކުންވެސް އެއްބައިވަންތަކަމާއި ހިތް ހެޔޮކަން ދައްކާދެވިދާނެއެވެ.

މީހުންގެ ހިތް ހެޔޮކަމާއި އިހްސާންތެރިކަންވެސް ތަފާތު ގޮތްގޮތަށް ދެއްކިދާނެއެވެ. މީހަކަށް އެހީވުމުންވެސް އަނެކާގެ ހިތްހެޔޮކަން ދެއްކިދާނެއެވެ. މި ދަނޑިވަޅަކީ ކޯވިޑް-19ގެ ސަބަބުން ގިނަ ބަޔަކަށް އެހީތެރިކަން ބޭނުންވާ ދަނޑިވަޅަކަށްވުމުން އެހީތެރިކަން ފޯރުކޮށްދިނުމުންވެސް އެމީހާގެ ހިތްހެޔޮކަން ފެނިގެންދާނެއެވެ. ގައިދުރުކަން ބަހައްޓައިގެން މީހުންނާ އަތުގެ އިޝާރާތުން ސަލާމްކުރުން ގިނަ ކުރެވުދާނެއެވެ. ޚިދުމަތް ދޭ މީހުންނާއި ޚިދުމަތް ހޯދާ މީހުން އަނގަބަހުން ކުރާ މުޢާމަލަތުގައި ހިތްހެޔޮ ޢިބާރާތްތައް ބޭނުންކުރުން އިތުރުކުރެވިދާނެއެވެ.

ޢާއިލާގެ މީހުންނާ ބައްދަލު ނުވެ ގިނަ ދުވަސް ވަމުންދާއިރު ޓެކްނޮލަޖީގެ ޒަރިއްޔާއިންވެސް މި ހިނިތުން ވުމާއި ހިތްހެޔޮކަން ދައްކާލެވިދާނެއެވެ. ހަމަގައިމުވެސް ފޯނު މެދުވެރިކޮށް ވީޑިއޯ ކޯލް ކޮށްލާ ހިނިތުންވުން ބަދަލުކޮށްލެވޭނެއެވެ.

ކޮންމެއަކަސް އައު ޢާއްމު ޙާލަތުގައި މިއޮތީ ޢާއްމު ހިނުތުންވުމާ ނުލައި ހިތްހެޔޮ އެކުވެރި ބައެއްގެގޮތުގައި ގައިދުރުކޮށް އުޅެންޖެހިފައެވެ.