ޚަބަރު

ޖިންސީ އަނިޔާގެ މައްސަލަތައް މިއަހަރު އިތުރުވާނެކަމަށް ބެލެވޭ - ފުލުހުން


ޖިންސީ އަނިޔާއާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް މިއަހަރު މިހާތަނަށް ފާހަގަކުރެވުނު މިންވަރަށް ބަލާއިރު އިތުރުވާނެކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ 2017ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އަންހެނުންނާއި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާކޮށްގެން ހުށައަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް ޢާންމުކުރައްވާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް

  • 2017 - 263 މައްސަލަ
  • 2018 - 250 މައްސަލަ
  • 2019 - 256 މައްސަލަ
  • 2020 - 158 މައްސަލަ (މިހާތަނަށް)

އަނިޔާ ލިބިފައިވާ ކުޑަކުދިންގެ ތަފާސްހިސާބު

  • 2017 - 306 ކުދިން
  • 2018 - 298 ކުދިން
  • 2019 - 291 ކުދިން
  • 2020 - 141 ކުދިން (މިހާތަނަށް)

ޖިންސީ ފުރައްސާރައިގެ ތަފާސްހިސާބު

  • 2017 - 18 މައްސަލަ
  • 2018 - 27 މައްސަލަ
  • 2019 - 48 މައްސަލަ
  • 2020 - 34 މައްސަލަ (މިހާތަނަށް)

ޖިންސީ ފުރައްސާރައިގެ އަނިޔާ ލިބުނު މީހުން

  • 2017 - 15 އަންހެނުން
  • 2018 - 19 އަންހެނުން
  • 2019 - 20 އަންހެނުން، 1 ފިރިހެނަކު
  • 2020 - 7 އަންހެނުން (މިހާތަނަށް)

ފުލުހުންވަނީ ބްލެކް މެއިލް ކުރުމުގެ މައްސަލަތައްވެސް 2019ވަނަ އަހަރުން ފެށިގެން ހުށަހަޅާފައިވާ މިންވަރު ހާމަކުރައްވާފައެވެ. ބްލެކްމެއިލްގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • 2019 - 53 މައްސަލަ
  • 2020 - 86 މައްސަލަ (މިހާތަނަށް)

ބްލެކްމެއިލްގެ މައްސަލަތަކުގައި އަނިޔާ ލިބުނު މީހުން

  • 2019 - 11 އަންހެނުން
  • 2020 - 14 އަންހެނުން، 4 ފިރިހެނުން (މިހާތަނަށް)

މި ތަފާސްހިސާބުތަކުން އަހަރުން އަހަރަށް ހުށަހެޅޭ މި ބަވާތުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަގަކުރެވޭއިރު އެހެން އަހަރުތަކާއި މިއަހަރުގެ މިހާތަނަށް ހުށައަޅާފައިވާ މައްސަލަތަކާ އަޅާބާލާނަމަ ޖިންސީ އެކިއެކި މައްސަލަތައް މިއަހަރު އިތުރުވާނެކަމަށް ބެލެވޭކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފް ވިދާޅުވިއެވެ.

"ހަޤީގަތުގައި ކުޑަކުދިންނާ ދޭތެރޭގައި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް، ޚާއްސަކޮށް މިއަހަރު މިހާރު މިފެންނަ ޓްރެންޑަށް ބަލާއިރު މިދިޔަ އަހަރަށްވުރެ އިތުރުވާނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ މި ދެކުއާޓާ ނިމުނުއިރު ނުވަތަ ފުރަތަމަ 6 މަސް ނިމުނުއިރު ލިބިފައިވާ ތަފާސް ހިސާބުތަކުން" މަންނާން ވިދާޅުވިއެވެ.

ފުލުހުންވަނީ ކުޑަކުދިންނަށްކުރާ ޖިންސީ އަނިޔާއާ އެނޫންވެސް މައްސަލަތަކުގެ ޚަބަރުތައް ރިޕޯޓުކުރާއިރު އެކުދިންގެ މައުލޫމާތު ހާމަވެ މުޖުތަމަޢުގައި އެކުދިންނަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެފަދަގޮތަކަށް ޚަބަރާއި މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.