ޚަބަރު

ވެކްސިން ޖަހާ މިންވަރުވަނީ ކަންބޮޑުވާ މިންވަރަކަށް ދަށަށްގޮސްފައި


ކޯވިޑް-19ގެ ސަބަބުން ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ޅަފަތުގައި ދެވޭ ވެކްސިން ދިނުން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް އދގެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ގޮފި، ޔުނިސެފުން ބުނެފިއެވެ.

ފާއިތުވީ 30 އަހަރުގެ ތެރޭގައި ވެކްސިން ދެވޭ މިންވަރު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވަނީ މި އަހަރުގެ ފުރަތަމަ ހަތަރުމަހުގެ ތެރޭގައެވެ. ހިމަބިއްސާއި ޓެޓްނަހާއި ދިފްތީރިއާފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ނުދެވޭތީ އެތައް މިލިއަން ކުޑަކުދިންނެއް ނުރައްކަލަށް ހުށަހެޅިފައިވާކަމަށް އދންވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއާއި ޔުނިސެފާ ގުޅިގެން ނެރުނު ރިޕޯޓެއްގައި ބުނީ ޅަފަތުގައި ދެވޭ މުހިންމު ވެކްސިންތަކެއް ނުލިބުމުގެ ސަބަބުން ލިބޭ ގެއްލުން ކޯވިޑް-19ގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ބޮޑުވުން އެކަށީގެންވާކަމަށެވެ. ރިޕޯޓު ތައްޔާރުކުރުމަށް ކުރި ދިރާސާއެއްގައި ބައިވެރިވި 82 ޤައުމުގެ ތެރެއިން 75 އިންސައްތަ ޤައުމުން ބުނީ ކޯވިޑް-19ގެ ސަބަބުން ވެކްސިން ދިނުމުގައި ދަތިތަކާ ކުރިމަތިލާފައިވާކަމަށެވެ. ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވަނީ ޞިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ޔަޤީންކުރުމަށް ބޭނުންކުރާ ސާމާނު އެދެވޭ މިންވަރަށް ނުލިބުމުގެ ސަބަބުންނާއި ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު މަދުވުމުންކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ވެކްސިން ދިނުމުގެ މަސައްކަތްވަނީ އެ ޤައުމުތަކުގައި މެދުކެނޑި ނުވަތަ ދަށަށްގޮސްފައެވެ. ހިމަބިހިން ރައްކާތެރިވުމަށް ހިންގޭ 30 ޙަރަކާތެއް ހުއްޓި ނުވަތަ ހުއްޓުމަކާ ގާތްވެފައިވާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު މި އަހަރު އިތުރުވާނެކަމަށްވަނީ ބެލެވިފައެވެ.

ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިންވެސް ބައެއް ޤައުމުތަކުން ދިއައީ ވެކްސިން ލިބުމުގައި ދަތިތަކާ ކުރިމަތިލަމުންނެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެ ޤައުމުތަކުގެ ޙާލަތުވަނީ އިތުރަށް ގޯސްވެފައެވެ. ރިޕޯޓުގައި ބުނާ ގޮތުގައި ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިންވެސް ހިމަބިހި ފެތުރޭ މިންވަރުވަނީ އިތުރުވާން ފަށައިފައެވެ. އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018ވަނަ އަހަރު 10 މިލިއަނަށްވުރެ ގިނަ މީހުންނަށް ހިމަބިހި ޖެހި، 140،000 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ.

2019ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެހެން މުހިންމު ވެކްސިންތަކެއް 14މިލިއަން ކުދިންނަށް ލިބިފައެއް ނުވެއެވެ. އޭގެ ތެރޭގައި ގިނައީ އެފުރިކާފައި ދިރިއުޅޭ ކުދިންކަމަށާއި އެ ކުދިންނަށް ޞިއްޙީ އެހެނިހެން ޚިދުމަތްތައްވެސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.