ޚަބަރު

އިނގިރޭސިވިލާތުގައި 1 މިލިއަން މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާފައިވޭ: ދިރާސާ


ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވލާތުގެ އެކްޝަން އޮން ސްމޯކިން އެންޑު ހެލްތު، އޭއެސްއެޗާއި ޔުނިވާސިޓީ ކޮލެޖު ލަންޑަނުން ކުރި ދިރާސާއެއްގެ ނަތީޖާއިން ދެއްކި ގޮތުގައި އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދިޔަ ދުވަސްވަރުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލައި އިތުރު 440،000 މީހުންވަނީ އެ އާދަ ދޫކޮށްލުމަށް މަސައްކަތްކޮށްފައެވެ. އެ ޢަދަދުތައް ބިނާކޮށްފައިވަނީ 10،000 މީހުން ބައިވެރިވި ދިރާސާއެއްގެ ނަތީޖާގެ މައްޗަށެވެ.

ދުންފަތުގެ އިސްތިޢުމާލުކުރަމުންދިޔަ ދުވަސްވީ މީހުންނަށްވުރެ ގިނަ ޢަދަދެއްގެ ޒުވާނުން އެ ޢަމަލު ހުއްޓާލައިފައިވާކަމަށް އެ ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ކޯވިޑް-19ގެ ނުރައްކާ ބޮޑުކަމަށް ޞިއްހީ ތަޖުރިބާކާރުންވަނީ އިންޒާރުދީފައެވެ. ކޯވިޑް-19ގެ ނުރައްކާ ދުވަސްވީ މީހުންނަށް އޮންނަ މިންވަރު އިތުރުވުމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ދުވަސްވީ މީހުންނަށްވަނީ އިތުރަށް ބާރު އަޅައިފައެވެ. ނަމަވެސް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލި 50 އަހަރުން މަތީގެ މީހުންނަށްވުރެ 16އަހަރާއި 29އަހަރާ ދެމެދުގެ ޒުވާނުން ދެގުނައަށް އިތުރުކަމަށްވަނީ ފާހަގަވެފައެވެ.

އޭއެސްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އެ ޢަމަލު ހުއްޓާލުން ލަސްކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށާއި އެ ޢަމަލުގެ ސަބަބުން ޞިއްޙަތަށް ގެއްލުން ލިބިފައިވާކަން ނޭނގުނުނަމަވެސް އެކަން މިހާރުން މިހާރަށް ހުއްޓާލަން ނަޞޭޙަތްތެރިވާކަމަށެވެ. އޭގެ ސަބަބުން މުޅި ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ޔޫސީއެލްގެ ޓޮބެކޯ އެންޑު އަލްކަހޮލް ރިސާޗު ގުރޫޕުގެ ފަރާތުން ވާހަކަދެއްކެވި ޑރ. ސާރާ ޖެކްސަން ވިދާޅުވީ ދިރާސާގެ ނަތީޖާއިން ދައްކަނީ ދުންފަތުގެ އިސްތިޢުމާލުކުރުން މިވަގުތަށް ހުއްޓާލާފައިވާ މީހުންގެ ޢަދަދުތައްކަމަށެވެ. ނަމަވެސް ދާއިމީ ގޮތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ ފަސޭހަކަމަކަށްނުވާނެތީ އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޢަދަދު މިލިއަނުން ދަށްވާނެކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.