ވިޔަފާރި

ބޯޑަރު ހުޅުވާލުން - މިއަދު 203 ފަތުރުވެރިން


މިއަދު 203 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު އިއްޔެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެއަށް ދަނީ އަންނަމުންނެވެ.

މިއަދު ރާއްޖެ އައި 203 ފަތުރުވެރިން އައިސްފައިވަނީ އެމިރޭޓްސް އަދި ގަތަރު އެއަރވޭސްއިންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ، އެމިރޭޓްސްގެ ފްލައިޓެއް މިއަދު ރާއްޖެ އައިސްފައިވަނީ 3 މަހަށްވުރެ ގިނަ ދުވަހަށްފަހުކަމަށެވެ. މި ފްލައިޓުން 101 ފަތުރުވެރިން އައެވެ.

އެމިރޭޓްސްގެ އިތުރުން މިއަދު ގަތަރު އެއަރވޭސް ވެސް ވަނީ ރާއްޖެއަށް ދަތުރުކޮށްފައެވެ. ގަތަރު އެއަރވޭސްއިން 102 ފަސިންޖަރުން އައެވެ.

ރާއްޖޭގެ ބޯޑަރު އިއްޔެ އަލުން ހުޅުވާލިއިރު އެންމެ ފުރަތަމަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީވެސް ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. މި ފްލައިޓުން ރާއްޖެއަށް 100 ފަތުރުވެރިން ވަނީ އައިސްފައެވެ. ޤަތަރު އެއަރވޭސްގެ ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު ކޮންމެ 20 މިނެޓަކުން ފްލައިޓެއް ޖެއްސޭވަރަށް ވީއައިއޭ އޮތީ ތައްޔާރަށްކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މިހާތަނަށް ބައިނަލްއަޤްވާމީ 12 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ސްރީލަންކަން އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް، ސިލްކްއެއަރ، ހޮންގް ކޮންގް އެއަރލައިންސް، ގަލްފް އެއަރ، އިންޑިގޯ އެއަރލަންސް، ބުރިޓިޝް އެއަރވޭސްގެ އިތުރުން ސްވިޓްޒަލެންޑުގެ އެޑެލްވައިސް ހިމެނެއެވެ.

ބޯޑަރު ހުޅުވާލާ ފަތުރުވެރިން ރާއްޖެ އަންނަންފަށާފައިވާއިރު އިއްޔެއިން ފެށިގެން ރާއްޖޭގެ ގިނަ ރިސޯޓްތަކަކާއި، މާލެ ސަރަހައްދުގެ ބައެއް ގެސްޓްހައުސްތަކާއި ސަފާރީތައް ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ.