ޚަބަރު

ދެ ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު މިއަހަރު ނިމޭނެ -އެމްއާރުޑީސީ


މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން މިއަހަރުގެ ނިޔަލަށް 2 ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.އަތޮޅުތަކުގެ މަގު ހެދުމުގެ 14 ޕްރޮޖެކްޓެއް ސރުކާރުންވަނީ އެމް.އާރު.ޑީ.ސީއާއި ހަވާލުކޮށްފައިވެއެވެ.  އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، އަމަލީ މަސައްކަތްތައް ކުރިއަށްދާ 7 ރަށުގެ ތެރެއިން ތ.ވިލުފުއްޓާއި، ދ.ކުޑަހުވަދޫގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އެގޮތުން ތާރު އެޅުމުގެ މަސައްކަތް ފިލުފުށީގައި %80 ނިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޑަހުވަދޫގައި ތާރު އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ގއ.ވިލިގިނލީގައިވެސް މިއަހަރުގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ނަޒީމް ވިދާޅުވިއެވެ. "ތާރު ނޭޅިކަމުގައި ވިޔަސް ތަފާތު މަރުހަލާތަކުގައި ހުރިހާ ރަށެއްގައިވެސް މަސައްކަތްތައް އެބަ ކުރެވެމުންދޭ. ނަމަވެސް މިއަހަރު ނިމޭނެ ކަމަށް ލަފާ ކުރެވެނީ ވިލުފުއްޓާއި، ކުޑަހުވަދޫ. ވިލުފުށީގައި ވަރަށް މަދު މަގުތަކެއް ނުނިމިހުރީ. ބޮޑުބައި ވަނީ ނިމިފައި." ނަޒީމް ވިދާޅުވިއެވެ.އެމް.އާރު.ޑީ.ސީގެ އިތުރުން، އިތުރު 2 ރަށެއްގެ މަގު ހެދުމަށް އެމް.ޓީ.ސީސީއާވެސް ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެރަށްތަކުގައި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ."އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރި ރަށްތަކުގެ ތެރެއިން ށ.ފުނަދޫގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. އެރަށަށް ބޭނުންވާ ތަކެތިވެސް ގެންދެވިފައި ހުރީ. މިހާރުވެސް ކޮންމެވެސް ވަރަކަށް އަމަލީ މަސައްކަތް ފެށިފައިވަނީ " ހައުސިންގ މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ މަގު ހެދުމުގެ ސިޔާސަތުގެ ދަށުން އާބާދީ ބޮޑެތި ގިނަ ރަށްތަކެއްގައި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ހއ.ދިއްދޫ، ހދ.ހަނިމާދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ނ.މަނަދޫ، ރ.އުނގޫފާރު، ރ.މީދޫ. ބ.އޭދަފުށި، އދ.މަހިބަދޫ، ދ.ކުޑަހުވަދޫ، ތ.ވިލުފުށި، ލ.ފޮނަދޫ، ގއ.ވިލިގިނލި، ގދ.ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނެއެވެ.